ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސްރީލަންކަން އެއާލައިންސް އާއެކު ދަތުރުފަތުރުގެ ވިއުގަ ގުޅާލުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ އެއާލައިން ގުޅިގެން ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން، ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް، މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. މީގެ ސަބަބުން ކޮލަމްބޯ މަގުން ރާއްޖެ އަންނަ މީހުންނަށް ދަތުރުފަތުރުގެ ގޮތުން ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.
ހަމައެއާއެކު، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވެސް މިކަމުން ބޮޑު ލުޔެއް ލިބޭނެއެވެ. އެއް ޓިކެޓެއްގައި މޯލްޑިވިއަން މެދުވެރިކޮށް ކޮލަމްބޯއަށް ގޮސް، އެތަނުން ސްރީލަންކަން އެއާލައިންސްގެ އިންޓަނޭޝަނަލް މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބޭނެއެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ދެ އެއާލައިންގެ ވިއުގަ ގުޅާލުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ މަޝްހޫރު ވަންވޯލްޑް އެލަޔަންސްގައި ހިމެނޭ ސްރީލަންކަން އެއާލައިންސް އިން މިހާރު ވެސް ދުނިޔޭގެ 62 ގައުމެއްގެ 114 މަންޒިލަކަށް ދަތުރުކުރެއެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ދިވެހިންނަށާއި ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކާ ގުޅާލުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
