ޣައްޒާގެ ނާޞިރު ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ހާމަކުރި ގޮތުގައި، އެ ސިޓީގައި އުފަންވާ ކުދިންގެ ހަށިގަނޑުގައި އުފަންވާއިރު ހުންނަ ނުކުޅެދުންތެރިކަން ނުވަތަ އައިބުތައް ވަނީ ކުރިން ދުވަހަކުވެސް ނުފެންނަ މިންވަރަކަށް އިތުރުވެފައެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ތުއްތު ކުދިންނަށް މި ހިތާމަވެރި ހާލަތު މެދުވެރިވާން ދިމާވި މައިގަނޑު ސަބަބުތަކަކީ އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަނގުރާމައެވެ. މިގޮތުން ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ބަނޑުހައިހޫނުކަމާއި، ތަޣައްޔަރުވެފައިވާ ނުސާފު ފެން ބޭނުންކުރަން ޖެހުމުގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ ބޮޑު ނުތަނަވަސްކަމާއި ބިރުވެރިކަން ޑޮކްޓަރުން ފާހަގަކުރެއެވެ.
ނާޞިރު ހޮސްޕިޓަލުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، އިސްރާއީލުގެ އުދުވާނުގެ ސަބަބުން މާބަނޑު އަންހެނުންނަށް ބޭނުންވާ ރަނގަޅު ކާނާއާއި ސިއްހީ ރައްކާތެރިކަން ވަނީ މުޅިން ނެތިގޮސްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އުފަންވާ ކުދިންގެ ހަށިގަނޑުގެ ގުނަވަންތައް އުފެދުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށާއި، މިއީ ފަލަސްތީނުގެ މުސްތަގުބަލުގެ ޖީލަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް އެ ފަރާތްތަކުން ސިފަކުރެއެވެ.
ޣައްޒާގެ ސިއްހީ ނިޒާމު އިސްރާއީލުން ބަލިކަށިކޮށްލާފައިވާ މި ދަނޑިވަޅުގައި، މިފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް އިތުރުވަމުންދިއުމަކީ އިންސާނީ ބޮޑު ކާރިސާއެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ދަނީ ބުނަމުންނެވެ.
