ފިލިޕީންގެ ޖޯލޯ އައިލެންޑް ގެ ދެތަނެއްގައި އެއްޗެއް ގޮވާ 14 މީހުން މަރުވި ކަމަށް ރަސްމީ އިދާރާތަކުން ކަށަވަރު ކޮށްދީފިއެވެ. ފުރަތަމަ ހާދިސާ ހިނގީ މެންދުރު ވަގުތު އެވެ. އޭގެ ބައި ގަޑިއިރު ފަހުން އިތުރު ގޮވުމެއް ވަނީ ގޮވާފައެވެ. ޖޯލޯ އައިލެންޑް ގެ މައި ޓައުންގައި ހިނގި މި ދެ ހާދިސާ ގައި 48 މީހަކު ޒަޚަމްވި ކަމަށް އަސްކަރިއްޔާގެ ލެފްޓިނެންޓް ޖެނެރަލް ކޮރްލެޓޯ ވިންލުއަން ވަނީ މީޑިޔާތަކަށް މައުލޫމާތު ދީފައެވެ.

ސައިކަލެއްގައި ހަރުކޮށްގެން ފުރަތަމަ ގޮއްވާލި މި އެއްޗަކީ، އަސްކަރިއްޔާގެ ރިޕޯޓްތައް ބުނާ ގޮތުން ނަމަ ގޭގައި ތައްޔާރުކޮށްފައިވާ ބޮމެކެވެ. ދެވަނަ އެއްޗަކީ ގައިގައި ހަރުކޮށްގެން ގޮއްލާފާއިވާ ބޮމެކެވެ. ޖާނުން ފިދާ ވެގެން ޙަމަލާދީފައިވަނީ އަންހެނެކެވެ. އޭނާގެ ހަށިގަނޑުގައިވާ ބޮން ގޮއްވާލީ އޭނާ ހުއްޓުވަން ސިފައިން މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ދެހާދިސާގައި މަރުވެފައިވަނީ 7 ސިފައިންގެ މީހަކާ، އާންމުންގެ 6 މީހަކާ ފުލުހެކެވެ. ދެ ގޮވުންވެސް ގޮވާފައިވަނީ އަސްކަރީ އުޅަނދުތައް ގިނަ ދެ ހިސާބެއްގައެވެ.

މި ހާދިސާތައް ހިނގާފައިވާ ހިސާބަކީ މުސްލިމުންގެ އާބާދީ ގިނަ ސަރަޙައްދެކެވެ. މިއީ އައި. އެސް. އައި. އެސް އާ ގުޅުން އޮންނަކަމަށް ބެލެވޭ އަބޫ ސައްޔަދު ގުރޫޕްގެ ހަނގުރާމަވެރިންނާ އަސްކަރިއްޔާ އާ ދެމެދު އަބަދުވެސް ހަމަނުޖެހުން ހިނގާ ސަރަހައްދެކެވެ.

މި ހާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.