އިންޑިއާގެ މަދްޔަޕްރަދޭޝް ސްޓޭޓްގެ ދާރު ޑިސްޓްރިކްޓްގައި ހިމެނޭ ގުޖްރީ ދޭރްޔާ އަވަށަށް ބޮޑު މިނިކާވަގަކު ވަދެ، އެ ސަރަހައްދުގައި ބޮޑު ބިރުވެރިކަމެއް އުފައްދައިފިއެވެ. ދަމްނޯޑް ފޮރެސްޓް ރޭންޖުގެ ދަށުން ބަލަހައްޓަމުންދާ މި ސަރަހައްދުގެ އާންމުން ދިރިއުޅޭ ހިސާބަކަށް މި މިނިކާވަގު ވަދެފައިވަނީ ކުއްލި ގޮތަކަށެވެ. މި ހާދިސާގައި މިނިކާވަގު ވަނީ އަވަށުގެ ހަތަރު މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައެވެ. ޒަޚަމްވި މީހުންގެ ތެރޭގައި އެކަކީ އަންހެނެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފޮރެސްޓް ޑިޕާޓްމަންޓުގެ ކުއްލި އެހީއަށް އިޖާބަދޭ ޓީމުތަކާއި ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ސަލާމަތީ ބާރުތަކުން މިހާރު ދަނީ މިނިކާވަގު ހޯދުމަށާއި، އަވަށުގެ ރައްޔިތުންނަށް އިތުރު ގެއްލުމެއް ލިބުނަ ނުދީ މިނިކާވަގު ހިފުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިނިކާވަގު އަދިވެސް މިނިވަންކަމާއެކު އެ ސަރަހައްދުގައި އުޅެމުންދާތީ، އާންމުންގެ ސަލާމަތަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އަވަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ ގެއިން ބޭރަށް ނުދިއުމަށާއި، ބޭކާރު ގޮތުގައި ބޭރުގައި ނޫޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މިނިކާވަގު އަތުލައިގަނެވެންދެން މުޅި އަވަށަށް ވަނީ ސަމާލުކަން ގެނެސް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ އާންމު ދިރިއުޅުމަށް ވަނީ ބުރޫ އަރާފައެވެ.
