ޗައިނާގައި މީގެ 28 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިޔަ މަޝްހޫރު އަންހެން ވިޔަފާވެރިއެއްގެ ހަށިގަނޑު، މޯލްއެއްގެ މާބަގީޗާއެއްގެ ތެރޭގައި ވަޅުލާފައި އޮއްވާ ފެނިއްޖެއެވެ. 1997 ވަނަ އަހަރު ގެއްލުނު މި އަންހެން މީހާއަކީ އެ ދުވަސްވަރު ފޭރާން ވިއްކުމުގެ ވިޔަފާރީގައި ވަރަށް މަޝްހޫރު ފަރާތެކެވެ. އޭނާ ގެއްލުނު ފަހުން އެތައް އަހަރެއް ވީއިރުވެސް އޭނާއަށް ވީގޮތެއް މީގެ ކުރިން ދެނެގަނެވިފައެއް ނުވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ވަނީ ހައްޔަރުކޮށްފައެވެ. ޗައިނާގެ ރިޕޯޓްތައް ބުނާގޮތުން، މި ޖަރީމާ ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ގާނޫނުގެ ކުރިމަތިން ސަލާމަތްވުމަށްޓަކައި އޭނާގެ ސިފަ ބަދަލުކުރުމަށް ޕްލާސްޓިކް ސާޖަރީވެސް ހަދާފައެވެ.
ކުއްލި ގޮތަކަށް މި އަންހެން މީހާގެ ހަށިގަނޑު ފެނުމާއެކު، ޗައިނާގެ މީސްމީޑިއާގައި މި މައްސަލައަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ގިނަ ބަޔަކު ދަނީ މިއީ ވަރަށް ބިރުވެރި އަދި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރަމުންނެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
