މައިންޑްކޯ އާއި ހެލްތް މިނިސްޓްރީ ގުޅިގެން އަންހެން ކުދިން ޑިޖިޓަލް ދާއިރާއަށް ނެރުމަށް ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. މިގޮތުން، ހުޅުމާލޭގެ އުމަރު ޒާހިރު ބިލްޑިންގައި ވަނީ "ގާލްސް ގޯ ޑިޖިޓަލް" ގެ ނަމުގައި ހާއްސަ ޑިއަލޮގް ސެޝަނެއް ބާއްވާފައެވެ.

އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ސެޝަންގައި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިއެވެ. މި ހަރަކާތުގައި އަންހެން ވިޔަފާރިވެރިންނާއި، ދަރިވަރުންގެ އިތުރުން ޒުވާން މަސައްކަތްތެރިންނާއި އެކި ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވިއެވެ.

މި ސެޝަންގައި މައިންޑްކޯގެ މެނޭޖަރު އަހުލާމް ބުނީ، ސަގާފީ ގޮތުން ކުރިމަތިވާ ހުރަސްތަކާއި ނަމޫނާ ފެންނަން ނެތުން ފަދަ ކަންކަމަކީ އަންހެނުންނަށް މި ދާއިރާއަށް ވަނުމަށް އޮތް ހުރަހެއް ކަމަށެވެ. އެހެންނަމަވެސް، މިއީ ދާއިމީ ކަންކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އަހުލާމް ބުނިގޮތުގައި "ސަގާފީ ގޮތުން ކުރިމަތިވާ ހުރަސްތަކާއި، މައިންބަފައިންގެ ފިއްތުންތަކާއި، ނަމޫނާ ފެންނަން ނެތުން ފަދަ ކަންކަމަކީ މިހާރު އޮތް ހުރަސްތަކެއް. ނަމަވެސް މިއީ ދާއިމީ ކަންކަމެއް ނޫން," ކަމަށް އޭނާ ބުންޏެވެ.

އަދި އޭއައި އާއި ސައިބާ ސެކިއުރިޓީ ފަދަ ދާއިރާތަކަކީ އަންހެނުންނަށް ކުރިއަށް ދިއުމަށް އޮތް ރަނގަޅު ފުރުސަތުތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން، ޓެކްނޮލޮޖީގެ މަގާމުތަކަށް އަންހެނުން ކުރިމަތިލާ މިންވަރު މަދުކަން މި ސެޝަންގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރިއެވެ. އަދި ޓެކް ދާއިރާއަށް ވަނުމަށް ވަކި ހާއްސަ ސެޓްފިކެޓެއް ބޭނުން ނުވާ ކަމަށާއި، މިއީ ގޭގައި ތިބެގެން ވެސް ފަސޭހަކަމާއެކު ކުރެވޭނެ މަސައްކަތްތަކެއް ކަމަށް ބައިވެރިން ފާހަގަކުރިއެވެ. ޑިޖިޓަލް ދާއިރާގެ ފަރުމާތަކުގައި އަންހެނުންގެ ހިޔާލު މުހިންމުކަން ވެސް މި ސެޝަންގައި ވަނީ ބައްޓަންކޮށްފައެވެ.

މި ޑިއަލޮގް ސެޝަން ނިންމާލަމުން މައިންޑްކޯގެ އެމްޑީ ސައީދާ އުމަރު ބުނީ މިއީ އަދި ފެށުމެއް ކަމަށެވެ. އަދި އަންހެން ކުދިންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަކީ މުޖުތަމައުގެ އެންމެންގެ ޒިންމާއެއް ކަމަށް އޭނާ ބުންޏެވެ.