އިންޑިއާގެ ސްޓޭޓެއްގައި ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ހިނގައިފިއެވެ. ދެމަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބަކަށް ފަހު، ފިރިމީހާ ވަނީ އޭނާގެ އަނބިމީހާގެ ކަރު ބުރިކޮށްލައި، އެ ބޯ ހިފައިގެން ސައިކަލެއްގައި ރަށުތެރޭގައި ދުއްވާފައެވެ.

ކޯރްބާ ޑިސްޓްރިކްޓުގެ އަވަށެއްގައި ބުދަ ދުވަހުގެ ހަވީރު މި އަމަލު ހިންގާފައިވަނީ އުމުރުން 58 އަހަރުގެ ސަލިކް ރާމް ޔާދަވް އެވެ. އޭނާ ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނުން މަރާލުމަށްފަހު، ބޯ ކޮތަޅަކަށް ލައިގެން މީހުންނަށް ދައްކަމުން މަގުމަތީގައި ދުއްވި މަންޒަރު ބައެއް އާންމުން ވަނީ ފޯނުން ވީޑިއޯ ވެސް ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށްފައެވެ. އޭނާ އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ގޮސް ކުށަށް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގި ވަގުތު ދެމަފިރިން ވެސް ތިބީ ރާ ބޮއެގެން މަސްތުގެ ހާލަތުގައެވެ.

މި ދެމަފިރިންގެ ހަތަރު ކުދިން ތިބިއިރު، މި ބިރުވެރި ހާދިސާ ހިނގި ވަގުތު ބައެއް ކުދިން އެތަނުގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގެ ސަބަބުން ކުދިންނަށް ފުން ނަފްސާނީ އަސަރުތަކެއް ކުރާނެތީ، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އިންޑިއާގެ ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މި ހާދިސާގެ ސަބަބުން މުޅި އެ އަވަށުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ސިހުމަކާއި ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ.