އަވައްޓެރިއެއްގެ ގޭގައި ކުޅެން ހުރި ކުޑަކުއްޖެއްގެ ގައިގައި އޭނާގެ މަންމަ އަލިފާން ޖައްސައިފިއެވެ. އިންޑިޔާގެ ބެންގަލޫރުގައި ހިނގައިދިޔަ މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ކުއްޖާގެ މަންމަ އާއި އެ އަވައްޓެރިމީހާ އާއި ދެމެދު ޖެހުނު މައްސަލައަކަށް ފަހު އެ ދެމީހުން ތިބެނީ ވަރަށް ރުޅި އައިސްފައެވެ. އެހެންކަމުން އެ ކުއްޖާގެ މަންމަ، އެ ކުއްޖާ އެގެއަށް ގުޅެން ނުދިއުމަށް ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެ ކުއްޖާ އާއި އެއް އުމުރެއްގެ ކުއްޖެއް އެގޭގައި ހުރުމުން އެ ދެކުދިން ކުޅެން އެގެއަށް ދެއެވެ.

މިގޮތަށް އެ ކުއްޖާ އެގޭގައި ކުޅެން ހުއްޓާ ފެނިގެން، އެ ކުއްޖާގެ މަންމަ އެ ކުއްޖާ ގެއަށް ގެނެސް އަނިޔާ ކުރި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ. އެ ކުއްޖާގެ މަންމަގެ އުމުރަކީ 35 އަހަރެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން އެކުއްޖާގެ މަންމަ، އެކުއްޖާގެ އަތުގައި އަލިފާން ޖެއްސީ އުއްބައްތި އަކުންނެވެ. މިކަން ހާމަ ވީ އަތުގެ ފާރުގަނޑު ރަނގަޅުނުވެ ގޯސްވަމުން ދާތީ ޑަކްޓަރަށް ދެއްކުމުންނެވެ. އެ ކުއްޖާ ވަނީ ޑަކްޓަރުންނާއި ޕޮލިހުންނަށް އެ ވާހަކަ ކިޔައިދީފައެވެ.

މި މައްސަލަ އިތުރައް ބަލަމުން އަންނަ ކަމަށާއި ކުޑަކުދިންނަށް ކުރެވޭ މިފަދަ އަނިޔާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.