ޓޭބަލް ޓެނިސް ނުވަތަ ޕިންޕޮންގް ކުޅުމުގައި އިންސާނުންނާ އެއްވަރަށް ވާދަކޮށް، މޮޅު ކުޅުންތެރިން ބަލިކުރެވޭ ފަދަ ޤާބިލުކަން ހުރި ރޮބޮޓެއް ގޫގުލްގެ "ޑީޕްމައިންޑް" ޓީމުން އުފައްދައިފިއެވެ. މިއީ އިންސާނުންގެ ހަރަކާތްތަކާ އެއްވަރަށް، ވަގުތުން ވަގުތަށް ގޮތް ނިންމައިގެން ކުޅިވަރެއްގައި ވާދަކުރާ ރޮބޮޓެއް މިހާ ފުރިހަމައަށް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.
މި ރޮބޮޓް ތަމްރީނުކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެންނެވެ. ދިރާސާވެރިން ވަނީ މި ރޮބޮޓްގެ ހުނަރު ބެލުމަށްޓަކައި އެކި ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް މެޗުތަކެއް ކުޅުވާފައެވެ. މިގޮތުން ކުޅުނު 29 މެޗުގެ ތެރެއިން 45 އިންސައްތަ މެޗުން ރޮބޮޓް ވަނީ މޮޅުވެފައެވެ. މީގެ ތެރޭގައި އާދައިގެ ފެންވަރުގެ ކުޅުންތެރިންގެ އިތުރުން މެދުމިނުގެ ހުނަރު ހުރި ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު ހުރިހާ މެޗަކުން ރޮބޮޓް ވަނީ މޮޅުވެފައެވެ.
ނަމަވެސް، އެންމެ މަތީ ފަންތީގެ ނުވަތަ "އެލީޓް" ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު މެޗުތަކުން ރޮބޮޓް ވަނީ ބަލިވެފައެވެ. ސައިންސްވެރިން ފާހަގަކުރި ގޮތުގައި ރޮބޮޓަށް އަދިވެސް އުނދަގޫވަނީ ބާރަށް އަންނަ ބޯޅަތަކާއި، ބޯޅަ އަނބުރާލާފައ ޖަހާ އުކުޅުތައް ދެނެގަތުމަށެވެ. އެހެންނަމަވެސް، އިންސާނުން ކުޅޭ ގޮތް ބަލައިގެން، ކުޅުމުގެ ތެރެއިން ރޮބޮޓް އަމިއްލައަށް ދަސްކޮށް، އޭގެ އުކުޅުތައް ބަދަލުކުރާކަން ފާހަގަކުރެވިފައިވެއެވެ.
މި އީޖާދަކީ ރޮބޮޓިކްސް ދާއިރާގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެއެވެ. މިއީ ހަމައެކަނި ކުޅިވަރަކަށް ވުރެ ބޮޑަށް، އިންސާނުންގެ ހަލުވި ހަރަކާތްތަކާ އެއްވަރަށް ރޮބޮޓުންނަށް މަސައްކަތް ކުރެވޭނެކަން ސާބިތުކޮށްދޭ ކަމެކެވެ. ކުރިމަގުގައި މިފަދަ ޓެކްނޮލޮޖީގެ ސަބަބުން، އިންސާނުންނަށް އެހީތެރިވުމަށް ގޭތެރޭގައާއި މަސައްކަތުގެ މައިދާނުގައި ބޭނުންކުރާ ރޮބޮޓްތަކުގެ ހަރަކާތްތައް މިހާރަށްވުރެ ފުރިހަމަވެގެންދާނެއެވެ.
