ލ. ކުނަހަންދޫއަށް އުފަން، އަދި އެ ރަށުގެ ތަރައްޤީއަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އިބްރާހިމް ޝަކީބް (ޝަކިއްޓެ) އަކީ، ކުޑައިރުންސުރެ ޚިދުމަތްތެރިކަމުގެ ރޫޙު އަށަގެންފައިވާ ބޭފުޅެކެވެ. ރަށުގެ އިޖުތިމާޢީ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމަކީ އޭނާގެ ހިތްހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ. މީހުން ކަންކަމުގައި އެދި އައުމާއި، އެކަންކަން ކޮށްދިނުމަކީ ޝަކިއްޓެގެ ދިރިއުޅުމުގެ އެންމެ ބޮޑު އުފަލެވެ
ތަޢުލީމީ ދައުރު އަދި އިސްވަރުކަން
ޝަކިއްޓެގެ ތަޢުލީމީ ބިންގާ އެޅުނީ ކުނަހަންދޫ ސްކޫލުންނެވެ. ގްރޭޑް 7 އާ ހަމައަށް އެ ސްކޫލުގައި ކިޔަވަމުންދިޔައިރު، އޭނާ ވަނީ ސްކޫލުގެ ކެޕްޓަންކަން ފަޚުރުވެރިކަމާއެކު އަދާކޮށްފައެވެ. އޭގެ ފަހުން، ގްރޭޑް 8 އިން 10 އަށް ތަޢުލީމު ހާސިލްކުރީ ލ. މާވަށު ސްކޫލުންނެވެ. ތަޢުލީމީ ދާއިރާގައި ދެއްކެވި ނަމޫނާ އިސްވަރުކަމުގެ ސަބަބުން، 2004 ވަނަ އަހަރު މާވަށު ސްކޫލުގެ ކެޕްޓަންކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

ތަޢުލީމާއި ތަމްރީނު
ޝަކިއްޓެގެ ތަޢުލީމީ ދަތުރުގައި މެނޭޖުމަންޓާއި ލީޑަރޝިޕްގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވަނީ ހާސިލުކޮށްފައެވެ. އެގޮތުން:
މެނޭޖުމަންޓް ދާއިރާއިން 2013 ވަނަ އަހަރު ސެޓްފިކެޓް 1 އިން ޑިވެލޮޕްމަންޓް މެނޭޖުމަންޓް ފުރިހަމަކުރިއެވެ. އަދި 2020 ވަނަ އަހަރު ވަނީ ޑިޕްލޮމާ އިން ލީޑަރޝިޕް އެންޑް މެނޭޖުމަންޓް ހާސިލުކޮށްފައެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ސެޓްފިކެޓް 3 އިން ޕްރޮޖެކްޓް މެނޭޖުމަންޓް ވަނީ ފުރިހަމަކޮށްފައެވެ.
އިދާރީ ތަމްރީނުތަކަށް ބަލާއިރު 2012 ވަނަ އަހަރު ހިއުމަން ރިސޯސް މެނޭޖުމަންޓް ޓްރެއިނިންގ ފުރިހަމަކުރިއިރު، 2016 ވަނަ އަހަރަކީ އޭނާގެ ފަންނީ ހުނަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އަހަރެކެވެ. އެގޮތުން މައިކްރޯސޮފްޓް އެކްސެލް އެޑްވާންސް ލެވެލްގެ ތަމްރީނާއި، ލޯކަލް ކައުންސިލް އިންޓަރނަލް އޮޑިޓް އެންޑް ޕާފޯމެންސް އިންޑެކްސް ތަމްރީނު ހިމެނެއެވެ.

ފަންނީ ހުނަރެއްގެ ގޮތުގުގައި މަސައްކަތް ކުރުމަށްޓަކައި އަދި ފޮޓޯގްރަފީގެ ދާއިރާއަށް ހުރި ޝައުޤުވެރިކަމެއްގެ ބޮޑުކަމުން 2018 ވަނަ އަހަރު ޝަކިއްޓެ ވަނީ ނޭޝަނަލް ސެޓްފިކެޓް 3 އިން ފުޓޯގަރަފީ ހާސިލުކޮށްފައެވެ.
މަސައްކަތުގެ ތަޖުރިބާއާއި ހިންގުންތެރިކަން
ކިޔަވާ ނިމުމަށްފަހު، ޝަކިއްޓެ އެންމެ ފުރަތަމަ ނުކުތީ އުނގަންނައިދިނުމުގެ މާތް ވަޒީފާއަށެވެ. 12 ޖަނަވަރީ 2005 އިން ފެށިގެން 14 އޯގަސްޓް 2008 އާ ހަމައަށް، ޖުމްލަ 3 އަހަރާއި 8 މަސް ދުވަހު ކުނަހަންދޫ ސްކޫލުގެ ވަގުތީ ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ

އޭގެ ފަހުން، އިދާރީ ހިންގުމުގެ ދާއިރާއަށް ބަދަލުވެ، 10 އޯގަސްޓް 2008 އިން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ޕްރޮޖެކްޓް އޮފިސަރެއްގެ މަޤާމުގައި ހުންނަވައިގެން ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ޝަކިއްޓެގެ ދިގު ޚިދުމަތުގެ ދަތުރުގައި އައު ބާބެއް ފެށުނީ 17 މެއި 2021 ގައެވެ. އެއީ ކުނަހަންދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގަތް ދުވަހެވެ. މިއަދާ ހަމައަށްވެސް އޭނާ ހުންނެވީ އެ މަޤާމުގައި، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައެވެ.

“ މީހަކު އަޅުގަނޑު ކައިރިޔަށް އައިސް ކަމަކު އެދުމުން އެކަމެއް އެންމެ އަވަހަކަށް އެމީހަކަށް ކޮށްދެވޭތޯ އަބަދުވެސް މަސައްކަތް ކުރަން. ޝަކިއްޓެ ބުންޏެވެ.

ފަންނީ ތަމްރީނުތަކާއި ހުނަރު
ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޝަކިއްޓެ ވަނީ ތަފާތު އެކި ދާއިރާތަކުން ތަމްރީނު ހާސިލްކުރައްވާފައެވެ. އޭގެ ތެރޭގައި:
2007 ގައި އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރ (EDC) ގެ ކަރިކިއުލަމް އޮރިއެންޓޭޝަން އެންޑް އިމްޕްލިމެންޓޭޝަން ޓްރެއިނިންގ.
2014 ގައި އީ-ސިޓިޒަން ޓްރެއިނިންގ ޕްރޮގްރާމް.
2015 ގައި އިންކަމް ޖެނެރޭޝަން އޮފް ލޯކަލް ކައުންސިލް ޓްރެއިނިންގ.
2016 ގައި އިންފޮމޭޝަން އޮފިސަރ ޓްރެއިނިންގ.
2017 ގައި ޓްރާންސްޕޯޓްގެ ކަނޑު އުޅަނދު ސާރވޭ ކުރުމުގެ ހުއްދަ ލިބޭ ތަމްރީނު.
ޢަޒުމާއި މުސްތަޤުބަލް
ޝަކިއްޓެގެ އެންމެ ބޮޑު ޢަޒުމަކީ ވަކި މަޤާމެއްގައި ހުރެގެން ނޫނަސް، ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. 4 އޭޕްރީލް 2026 ގައި ބޭއްވި އިންތިޚާބުން ނުހޮވުނު ކަމުގައިވިޔަސް، ކުރިއެކޭވެސް އެއްފަދައިން އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއެވެ.

"ރައްތިތުންނަށް އެހީވުމަށް އަޅުގަނޑު މަޤާމެއް ބޭނުމެއްނުވާނެ. އަޅުގަނޑު ދުނިޔޭގަ ހުރިހާ ހިނދަކު އެއްވެސް މީހަކު އަޅުގަނޑު ކައިރީ ކަމަކު ކިޔާކަށް ފަސް ޖެހިގެން ނުވާނެ. ޝަކީބް ބުންޏެވެ.
ޝަކިއްޓެގެ ޙަޔާތުން ފެނިގެންދަނީ، ތަޢުލީމީ ދައުރުގެ ކެޕްޓަންކަމުން ފެށިގެން ކައުންސިލްގެ ރައީސްކަމާ ހަމައަށް، އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސާބިތުވެ ހުރި ނަމޫނާ ޝަޚުޞިއްޔަތެކެވެ.
" އަޅުގަނޑުގެ އަބަދުވެސް ހުވަފެނެއް އެކި ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. ޝަކީޞް ބުންޏެވެ.

އިޖުތިމާޢީ އަދި އިންސާނީ ޚިދުމަތް
ޝަކިއްޓެއަކީ މުޖުތަމަޢުގެ ދުޅަހެޔޮކަމާއި، ކާރިސާގެ ވަގުތުތަކުގައި އެހީތެރިވުމަށް އިސްކަންދޭ ފަރާތެކެވެ.
ޝަކިއްޓެ ވަނީ 2015 ވަނަ އަހަރު ސިއްޙީ ހޭލުންތެރިކަންކުރިއެރުވުމަށް އަހަރު އެސް.ޓީ.ޑީ އަދި އެއިޑްސް އަށް ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕެއްގައި ބައިވެރިވެފައިވެއެވެ. ޝަކިއްޓެ އަކީ 2006 ވަނަ އަހަރުން ފެށިގެން 2008 އަށް ދިވެހި ރެޑްކުރެސެންޓްގެ ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތްކޮށް، ސައިކޯސޯޝަލް ސަޕޯޓް ފެސިލިޓޭޓަރ ޕްރޮގްރާމްގެ ދަށުން ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދީފައިވެއެވެ. އަދި ހަމަ އެއާއިއެކު 2016 ވަނަ އަހަރު ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ މެނޭޖުމަންޓް ވޯކްޝޮޕް ފުރިހަމަކޮށް، ރަށު ފެންވަރުގައި ދިމާވާ ކާރިސާތަކުން އަރައިގަތުމުގެ ޢިލްމު ވަނީ ހޯދާފައެވެ.

"ރައްޔިތުންދެއްވާ ލޯތްބަކީ އަޅުގަނޑު މިފަދަ ވޯކްޝޮޕްތަކަށް ދިއުމަށް މެދުވެރިވާ ސަބަބު. އެހެންވެ އަބަދުވެސް އެހެންމީހުންނަށް އެހީތެރިވާން ބޭނުންވަނީ. އެންމެންވެސް އަޅުގަނޑު ބަލައިގަންނަނީވެސް މިހެންވެ. ޝަކީބް ބުންޏެވެ.
ޝަކިއްޓެގެ ދިރިއުޅުމުން ފެނިގެންދަނީ މެދުނުކެނޑި އާ ކަންކަން ދަސްކުރުމަށް އޭނާ ކުރާ މަސައްކަތެވެ. އިދާރީ ހިންގުމާއި، ފަންނީ ހުނަރުތަކުގެ އިތުރުން އިންސާނީ ޚިދުމަތުގެ ދާއިރާއިން އޭނާ ހޯދާފައިވާ ތަމްރީނުތަކަކީ މުޖުތަމަޢަށް ނުހަނު ބޭނުންތެރި ހުނަރުތަކެކެވެ. ޝަކިއްޓެއަކީ ތަޢުލީމާއި ތަޖުރިބާގެ އަލީގައި މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ދެމިހުރި ނަމޫނާ ޝަޚުޞިއްޔަތެކެވެ.
