ޓެކްސީ ނަފާ ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކާ ގުޅިގެން އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިންސާފުވެރި ހައްލެއް ހޯދައިދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ލޯނު ނެގި ފަރާތަކުން ސޯޝަލް މީޑިއާގައި އާންމުކުރި ސިޓީއަކާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި، އެންމެ އަވަސް މަގަކުން ހައްލު ހޯދައިދިނުމަކީ އެންމެ އިސް އެއް ވާޖިބު ކަމަށެވެ. އަދި މި މައްސަލަތައް ބަލައިދިނުމަށް ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު އަންގަވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޑްރައިވަރުން ފާހަގަކޮށްފައިވާ މައިގަނޑު ކަންބޮޑުވުންތައް:

 ކާރުތައް ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސްވުން.

 އާމްދަނީއެއް ނުލިބި، ލޯނު އަނބުރާ ދައްކަން ޖެހުމުން ކުރިމަތިވާ ބޮޑެތި ތަކުލީފުތައް.

ކާރު ރަޖިސްޓްރީ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމަށް (މޮރެޓޯރިއަމްއަކަށް) އެދުން.

ރަޖިސްޓްރޭޝަންގެ ކަންކަން އަވަސްކޮށްދިނުމާއި، ލަސްވުމުގައި ޑްރައިވަރުންގެ އިހުމާލެއް ނެތްކަން ކަށަވަރުކޮށްދިނުން.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގާތުން ހިދުމަތްދީ، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ރައްޔިތުންނަށް ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ. 

މި ސްކީމަކީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ފުޅާކޮށް، އާންމުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައާރަފުކުރި ސްކީމަކަށް ވާއިރު، މި މައްސަލަތަކަށް އިންސާފުވެރި އަދި އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.