މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކުރީ ސާފުތާހިރު ކަމާއި ޒީނަތްތެރި ވުމަށެވެ. މުސްލިމުންގެ ހަޔާތުގައި ސާފުތާހިރު ކަމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކޮށް، ނަމާދަށާއި ގުރްއާން ކިޔެވުމަށް ސާފުތާހިރު ވާން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހެދުން އެޅުމާއި ދިރިއުޅޭ މާހައުލު ސާފުކޮށް ބެހެއްޓުމަކީ މާތް ﷲ ރުހިވޮޑިގަންނަވާ ކަމެއް ކަމުގައި ވެސް ހުތުބާގައި ބުންޏެވެ.

ނަމަވެސް ރީތި ވުމުގެ ނަމުގައި ދީނީ އިންތަކުން ބޭރުވަމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. ހާއްސަކޮށް ސެލޫންތަކަށް ގޮސް ވެކްސް ކުރުމަށް ނުވަތަ ލޭޒާ ޓްރީޓްމަންޓް ހެދުމަށްޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ހާމަ ކުރުމަކީ އިސްލާމްދީނުގައި ހަރާމް ކަމެކެވެ. ސިއްހީ ހާލަތެއް ފަދަ ޒަރޫރީ ކަމެއްގައި މެނުވީ މިފަދަ ކަންކަން ހުއްދަ ނުވާނެ ކަމަށާއި، ރީތި ކަމާއި ސާފުތާހިރު ކަން ހޯދަން ވާނީ ހަރާމް ކަންތައްތަކުން ދުރުވެ ތިބެ ކަމަށް ހުތުބާގައި ބުންޏެވެ.

ހެދުން އެޅުމުގައި ވެސް ދީނީ މިންގަނޑުތައް ހިފެހެއްޓުމަށް ހުތުބާގައި ގޮވާލިއެވެ. ބުރުގާ އެޅުމުގެ ހަގީގީ ބޭނުމަކީ އައުރަ ނިވާ ކުރުން ކަމަށާއި، ހަށިގަނޑުގެ ވަނާތައް ހާމަ ވާ ފަދަ ބާރު ހެދުން ލުމަކީ ޖާހިލިއްޔާ ޒަމާނުގެ އާދަތަކެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި ނަމާދުގެ ރުކުންތައް އަދާ ކުރާއިރު އައުރަ ހާމަ ވާ ފަދަ ހެދުމެއް ލައިގެން ހުރުމަކީ ނަމާދު ބާތިލު ވާނެ ކަމެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.