ދަރުމަވަންތަ ހޮސްޕިޓަލުން ދެމުން އަންނަ ހިތުގެ ބަލިތަކުގެ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި އާ ކެތު ލެބެއް ގާއިމުކުރުމަށް ނިންމައިފައިވާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި މިހާރުވެސް ހައިބްރިޑް ކެތު ލެބެއް ހުރި ނަމަވެސް، ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި އާ ކެތު ލެބެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަލީމް ވިދާޅުވި ގޮތުގައި މިހާރު ހުރި ކެތު ލެބުގައި ބޭނުންކުރަނީ ސިންގަލް ޕްލޭނަރ އެކެވެ. ނަމަވެސް އަލަށް ތަރައްގީކުރާ ލެބުގައި "ބައިޕްލޭނަރ" އެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ސްޕައިން ސާޖަރީތަކާއި ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި މަސައްކަތަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި އާ ކެތު ލެބުގެ ހިދުމަތް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

މި ތަރައްގީއާއެކު، ފަރުވާ ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން، މީގެ 10 އަހަރު ކުރިން އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ކެތު ލެބް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ކެތު ލެބަކީ ހިތާއި ލޭހޮޅިތަކުގެ ސިއްހީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ލެބެކެވެ.