ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޫނުމިން މިއަދު އާދަޔާ ހިލާފަށް މައްޗަށް ގޮސްފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ. މިއަދު މެންދުރުފަހު 2:00 އާ ހަމައަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 38 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.
މޫސުމާ ބެހޭ އިދާރާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިއަދު އެންމެ ހޫނުގަދަވި ކަމަށް ރިކޯޑު ކުރެވުނީ ލ. ކައްދޫ ސަރަހައްދަށެވެ. އެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން 38.4 ޑިގްރީ ސެލްސިއަސްއަށް އެރިއިރު، ހަނިމާދޫ ސަރަހައްދުގައި ހޫނުމިން ހުރީ 38.3 ޑިގްރީ ސެލްސިއަސްގައެވެ. މާލެ ސަރަހައްދުގައި ހުރި ހުޅުލެއަށް އިހުސާސްކުރެވޭ ހޫނުމިން 38.1 ޑިގްރީ ސެލްސިއަސްއަށް އުފުލުނެވެ.
ދެކުނުގެ އަތޮޅުތަކުގައި ވެސް ހޫނުމިން މަތިކަން ފާހަގަކުރެވެއެވެ. ގދ. ކާޑެއްދޫގައި ހޫނުމިން 36 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އައްޑޫ ސިޓީ ގަމުގެ ހޫނުމިން ހުރީ 36.1 ޑިގްރީ ސެލްސިއަސްގައެވެ. މޫސުމާ ބެހޭ އިދާރާއިން ކޮންމެ ދުވަހަކު ވެސް ހޫނުމިން ބަލައި އާންމުންނަށް އެ މައުލޫމާތު ހިއްސާކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
