ސައޫދީ އަރަބިއްޔާގެ އުމުރުން 70 އަހަރުގެ ފިރިހެނަކު، 20 އަހަރުގެ ޒުވާން އަންހެނަކާ ކައިވެނިކޮއްފިއެވެ. މި ކައިވެނީގެ ވީޑިއޯތަކާއި ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، މިއީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ބޮޑު މައުޟޫއަކަށް ވަނީ ވެފައެވެ.

މި ކައިވެނީގެ ޚަބަރު މާބޮޑަށް ފެތުރިގެން މިދިޔައީ، ކައިވެނީގެ ރަނުގެ ގޮތުގައި ދީފައިވާ އަގުބޮޑު ތަކެތީގެ ސަބަބުންނެވެ. ރިޕޯޓްތައް ބުނާގޮތުން މި ކައިވެނީގެ ރަނުގެ ގޮތުގައި ލަގްޒަރީ ރޯލްސް ރޮއިސް ކާރަކާއި، 10 ކިލޯގެ ރަން ވަނީ ދީފައެވެ. ކައިވެނީގެ ރަނެއްގެ ގޮތުގައި އުމުރުން އެހާ ދުވަސްވީ މީހަކު، ޒުވާންކުއްޖަކަށް މިވަރުގެ ބޮޑު ރަނެއް ދިނުމުން ގިނަ ބަޔަކު ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން މީސްމީޑިއާގައި މީހުންގެ ޚިޔާލު ވަނީ ދެބަޔަކަށް ބެހިފައެވެ. ބައެއް މީހުން އެހާ ބޮޑު ރަނެއް ކިޔުމުން އެކަމާ ސުވާލު އުފައްދަމުންދާއިރު، އަނެއް ބަޔަކު ދަނީ ދެމީހުންގެ އުމުރުގެ ތަފާތު ބޮޑުވުމާއި، އެފަދަ ގުޅުންތަކުގެ މަގުސަދާ މެދު ބަހުސްކުރަމުންނެވެ. މި ޚަބަރާއެކު ސަގާފީ އާދަކާދަތަކާއި، ޒަމާނީ ގުޅުންތަކުގައި ފައިސާގެ ދައުރާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވެމުންދެއެވެ.