ދުނިޔޭގެ އެންމެ ބޮޑު އާއިލާތަކުގެ ތެރޭގައި ހިމެނޭ އާއިލާއެއްގެ ވެރިއެއްގެ ގޮތުން މަޝްހޫރުވެފައިވާ ޔުގެންޑާގެ ދަނޑުވެރިޔާ މޫސާ ހަސަހްޔާ ކަސޭރާ، އިތުރަށް ދަރިން ހޯދުން ހުއްޓާލާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އުމުރުން 68 އަހަރުގެ މޫސާގެ އާއިލާގައި 12 އަނބިންނާއި، 102 ކުދިން އަދި 578 ކާފަދަރިން ހިމެނެއެވެ.

މޫސާ ބުނިގޮތުގައި އިތުރަށް ދަރިން ނުހޯދުމަށް އޭނާ ނިންމީ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އެހާ ބޮޑު އާއިލާއެއް ބެލެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާތީއެވެ. އާއިލާގެ އެންމެންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ މިހާރު އޭނާއަށް އުފުލޭވަރަށް ވުރެ ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މޫސާ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އާއިލާ އިތުރަށް ބޮޑުވިޔަ ނުދިނުމުގެ ގޮތުން، އޭނާގެ އަނބިންނަށް އާއިލާ ރޭވުމުގެ (ފެމިލީ ޕްލޭނިންގ) ވަސީލަތްތައް ބޭނުންކުރުމަށް މޫސާ ވަނީ ބާރުއަޅާފައެވެ. މިއީ ދިހަވަރަކަށް އަހަރު ވަންދެން އޭނާ ފުޅާކުރަމުން އައި އާއިލާގެ ކުރިއެރުން ރަސްމީކޮށް ނިންމުމަކަށް ގެނައުމަށް އެޅި ފިޔަވަޅެކެވެ. މޫސާގެ މި ނިންމުމާއެކު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން އަނެއްކާވެސް އޭނާއަށް ވަނީ ހުއްޓިފައެވެ.