މިއަދު އުމުރުން 30 އަހަރު ފުރުން ފާހަގަކުރާ ރާގަވް ޖުޔަލްއަކީ އިންޑިއާގައި އެންމެ ފާހަގަކޮށްލެވޭ ނެށުންތެރިންގެ ތެރެއިން އެކަކެވެ. ކުރު މުއްދަތެއްގެ ތެރޭގައި އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލި ރާގަވްއަކީ ޑާންސް ރިއަލިޓީ ޝޯވ "ޑާންސް އިންޑިއާ ޑާންސް"ގައި ދެއްކި މޮޅު ހުނަރާއެކު ވިދައިލި ތަރިއެކެވެ. ޝޯވގެ އެއްވަނަ ނުލިބުނު ނަމަވެސް އޭނާއަކީ އެ އަހަރު އެ ޝޯވގެ އެންމެ މަޤުބޫލު ނެށުންތެރިޔާއެވެ. އެ ޝޯވގައި ދެއްކި ހުނަރާއެކު އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ "ސްލޯ މޯޝަން ކިންގް"ގެ ގޮތުގައެވެ.

ނެށުމުގެ އިތުރުން ރާގަވްއަކީ މޮޅު ކޮމޭޑިއަނެކެވެ. އޭނާގެ ޖޯކުތަކުން ޝޯވގެ ޖަޖުންނާއި ބެލުންތެރިން ހެއްވާލުމުގައި އޭނާއަކީ ކުޅަދާނަ ފަންނާނެކެވެ. މި ލިޔުމުގައި މި ބަލައިލަނީ ރާގަވްއާއި ބެހޭގޮތުން އެހާ އާންމު ނޫން މަޢުލޫމާތުކޮޅަކަށެވެ.

* ތަޢާރަފުވުން

ރާގަވްއަށް "ޑާންސް އިންޑިއާ ޑާންސް" ޝޯވއިން މަޤުބޫލުކަން ލިބުނު ނަމަވެސް އޭނާ ޓީވީ ސްކްރީނަށް ތަޢާރަފުވީ އެ ޝޯވއަކުން ނޫނެވެ. އޭނާ ތަޢާރަފުވީ 2011 ވަނަ އަހަރު ގެނެސްދިން ޑާންސް ރިއަލިޓީ ޝޯވ "ޗަކް ދޫމް ދޫމް" އިންނެވެ. އެ ޝޯވގައި އޭނާއަކީ ސައުރަވް ބެންޖްވާލްގެ ޓީމް "ޑީ-މެނިއެކްސް"ގެ މެންބަރެކެވެ.

* ނެށުމުގެ ޓްރެއިނިންގ

ރާގަވްއަކީ މޮޅު ނެށުންތެރިއަކަށް ވިޔަސް، އޭނާއަކީ ޑާންސް އިންޑިއާ ޑާންސް ޝޯވގައި ބައިވެރިވުމުގެ ކުރިން ނެށުމުގެ ދާއިރާއިން އެއްވެސް ޓްރެއިނިންގއެއް ހެދި މީހެއް ނޫނެވެ. އޭނާ ނެށުމުގެ އެކި ވައްތަރުތައް ދަސްކުރީ ޔޫޓިއުބް ބަލައިގެންނެވެ.

* ވަނަން

ރާގަވްއަށް ސްޓޭޖްގައި ކިޔާ ވަނަމެއް އޮވެއެވެ. އެ ނަމަކީ "ކްރޮކްރޯޒް" އެވެ. ތަންކޮޅެއް ކުރިން އޭނާ ވަނީ އެ ނަން އޭނާއަށް ކިޔުނު ގޮތްވެސް ހާމަކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާއަށް އެ ނަން ކިޔުނީ އެއްދުވަހަކު ޓީވީއިން ދައްކަމުން ދިޔަ ކިނބޫތަކެއް އުޅޭ ޕްރޮގްރާމެއް ބަލަން އިންދާ އޭނާއާއި ދިމާއަށް ކުރަތްޕެއް އައުމުން އޭނާއަށް ލިބުނު ސިހުމުގައި "ކްރޮކްރޯޒް"އޭ ބުނެވުމުންނެވެ.

* މޮޅު ޕްރެޒެންޓަރެއް

މޮޅު ނެށުންތެރިއެއްގެ ގޮތުގައި މީހުންގެ ހިތްތައް ފަތަޙަ ކުރުމަށްފަހު ރާގަވް އަންނަނީ މޮޅު ޕްރެޒެންޓަރެއްގެ ގޮތުގައިވެސް މީހުންގެ ހިތްތަކުން ޖާގަ ހޯދަމުންނެވެ. "ޑާންސް ޕްލަސް" ޝޯވއަކީ ޕްރެޒެންޓަރެއްގެ ގޮތުގައި އޭނާ ފެނުނު ފުރަތަމަ ޝޯވއެވެ. އޭނާގެ މޮޅު ޖޯކުތަކުން ޖަޖުންނާއި އޯޑިއަންސް ހެއްވާލުމުގައި ކާމިޔާބު ހޯދާ ރާގަވް މިހާތަނަށް އެތައް ޝޯވއެއް ޕްރެޒެންޓް ކޮށްދީފައިވެއެވެ.

* އެކްޓަރެއް

ނެށުމާއި ޕްރެޒެންޓް ކުރުމުގެ އިތުރުން ރާގަވްއަކީ މޮޅު އެކްޓަރެކެވެ. 2014 ވަނަ އަހަރު "ސޮނާލީ ކޭބަލް"ގެ ވަރަށް ކުޑަ ރޯލަކުން އެކްޓިންގއަށް ނުކުތުމަށްފަހު އޭނާ ވަނީ ރެމޯގެ "އޭބީސީޑީ 2" އާއި "ސްޓްރީޓް ޑާންސާ"ގެ އިތުރުން "ނަވާބްޒާދޭ" ކުޅެފައެވެ. އޭގެ އިތުރުން މިދިޔަ އަހަރު އޭނާ ވަނީ ޑިޖިޓަލް ޕްލެޓްފޯމް ޒީ5ގެ "އަބޭ"ގެ ސީޒަން 2 ވެސް ކުޅެފައެވެ.

ރާގަވްގެ ކުރިއަށްވެސް އިތުރު ދެ ފިލްމެއް އެބައޮތެވެ. އެއީ އެއްކޮށް މަސައްކަތް ނިމިފައިވާ "ވެޑްލޮކް" އަދި މިހާރުވެސް ޝޫޓްކުރަމުން އަންނަ "ޔުދްރާ" އެވެ. އޭގެ އިތުރުން ރާގަވް އަންނަނީ މިހާރު ކަލާޒް ޓީވީއިން ދައްކަމުން އަންނަ "ޑާންސް ދީވާނޭ"ގެ 3 ވަނަ ސީޒަން ހޯސްޓްވެސް ކުރަމުންނެވެ.