އިންސާނާގެ ދީންވެރިކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފަތަކަކަށް ނުވަތަ އަޅާ ހެދުމަކަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދީންވެރިކަމަކީ މީހާގެ ހިތާއި، ނިޔަތާއި، އަދި މާތް ﷲ އާ ދެމެދު އޮންނަ ގުޅުމެވެ. ގިނަ ފަހަރަށް މީހެއްގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބަލައި އެއީ ވަރަށް ދީންވެރި މީހެއް ކަމަށް މުޖުތަމައުއިން ނިންމި ނަމަވެސް، ހަގީގީ ދީންވެރިކަމަކީ ހިތުގެ އަޑިން އަންނަ އިޚްލާޞްތެރިކަމެވެ. ހެދުމަކީ އިންސާނާގެ އައުރަ ނިވާކުރުމަށް އޮތް ވަސީލަތެއް ނަމަވެސް، އެ މީހެއްގެ އީމާންތެރިކަމުގެ މިންގަނޑަކީ އެ މީހެއްގެ ހިތުގެ ސާފުކަމެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ އަޅުކަމުގެ އަސްލަކީ ހިތުގެ ތަޤްވާވެރިކަން ކަން ވަރަށް ސަރީޙަކޮށް ބަޔާންކޮށްދެއްވާފައެވެ. އެކަލާނގެ ވަނީ ސޫރަތުލް ޙައްޖުގެ 37 ވަނަ އާޔަތުގައި މިފަދައިން ވަހީކުރައްވާފައެވެ: "لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِن يَنَالُهُ التَّقْوَىٰ مِنكُمْ" މީގެ މާނައަކީ: "ﷲ ގެ ހަޟްރަތަށް އެ ތަކެތީގެ (އެބަހީ: އުުޟްޙިޔާގެ) މަހެއް، ނުވަތަ ލެޔެއް ނުފޯރާނެތެވެ. އެކަމަކު، އެކަލާނގެ ހަޟްރަތަށް ފޯރާނީ، ތިޔަބައިމީހުންގެ ކިބައިގައިވާ ތަޤްވާވެރިކަމެވެ." މިއިން އެނގެނީ ކޮންމެ އަމަލެއްގެ ވެސް އަގު ވަޒަންކުރެވެނީ އެ އަމަލެއްގެ ފަހަތުގައިވާ ހިތުގެ ނިޔަތުގެ މައްޗަށް ކަމެވެ.
މިއަދުގެ މުޖުތަމައުގައި ބައެއް މީހުންނަށް ހީވެފައި އޮންނަނީ ވަކި ކަހަލަ ހެދުމެއް އެޅުމުން ނުވަތަ ބޭރުފުށުން ދީނީ ސިފައެއް ޖެއްސުމުން އެއީ ފުރިހަމަ ދީންވެރިއަކަށް ވީ ކަމަށެވެ. ނަމަވެސް، ހެދުމަކީ ހަމައެކަނި ހަށިގަނޑު ނިވާކޮށްދޭ ފޭރާމެކެވެ. މީހެއްގެ އަޚްލާޤާއި، އަމާނާތްތެރިކަމާއި، އަދި އެހެން މީހުންނާ މެދު ބަހައްޓާ އޯގާތެރިކަމަކީ ހިތުގައި ދީންވެރިކަން އަށަގަނެފައިވާ މިންވަރު އަންގައިދޭ ހަގީގީ މިންގަނޑެވެ. ހިތް އިސްލާހު ނުކޮށް ބޭރުފުށް އެކަނި އިސްލާހު ކުރުމަކީ ދީންވެރިކަމުގެ ފުރިހަމަ މާނައެއް ނޫނެވެ.
މި މައުޟޫއާ ގުޅޭގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޔާސިރު ޤާޟީ ވިދާޅުވެފައިވަނީ، "ދީންވެރިކަމަކީ ހަމައެކަނި ބޭރުފުށުގެ ސިފަތަކެއް ނޫނެވެ. އެއީ މީހާގެ ހިތުގެ އެންމެ ފުންމިނުން އުފެދޭ، އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާ ނޫރެކެވެ." އޭނާ ފާހަގަކުރައްވާ ގޮތުގައި، ހަމައެކަނި ހެދުމަށް ސަމާލުކަން ދީފައި ހިތް އިސްލާހު ނުކުރާނަމަ، އެއީ ރޫހެއް ނެތް ހަށިގަނޑެއް ފަދަ އެއްޗެކެވެ. ހަގީގީ ދީންވެރިކަމަކީ މީހާގެ އެތެރެފުށް ބަދަލުކޮށް، އެކަމުގެ އަސަރު ބޭރުފުށުގެ އަމަލުތަކުން ފެނުމެވެ.
ހަގީގީ ހެޔޮލަފާކަމަކީ ހަމައެކަނި ވަކި ގޮތަކަށް ހުރުމެއް ނޫންކަން ސޫރަތުލް ބަޤަރާގެ 177 ވަނަ އާޔަތުން ވެސް އެނގެއެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ: "لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ..." މީގެ މާނައަކީ: "އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރުމަކީ (ހަމައެކަނި އެކަނި) ހެޔޮލަފާކަމެއް ނޫނެވެ. އެހެނަސް ހެޔޮލަފާ މީހަކީ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެ... (އަދި އެހެނިހެން ހެޔޮ އަމަލުތައް ކުރާ މީހާއެވެ)." މި އާޔަތުން ދޭހަވަނީ ދީންވެރިކަމަކީ އީމާންތެރިކަމާއި، ހިތުގެ ސާފުކަމުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމެވެ.
އެހެންކަމުން، ދީންވެރިކަން މިންކުރަންވާނީ މީހާ އަޅާ ހެދުމަކުން ނޫނެވެ. އެއީ ހިތުގައިވާ އީމާންތެރިކަމާއި، އަމަލުތަކުގެ އިޚްލާޞްތެރިކަމުންނެވެ. ހެދުމަކީ ދީނުގެ އަމުރެއް ނަމަވެސް، އެ ހެދުމުގެ ފަހަތުގައިވާ ހިތަކީ ﷲ އަށް ބިރުވެތިވާ ހިތަކަށް ވާންޖެހެއެވެ. ހަގީގީ ދީންވެރިއަކީ ބޭރުފުށާއި އެތެރެފުށް އެއްގޮތް، ހިތްހެޔޮ، އަދި އޯގާތެރި އިންސާނާއެވެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ ހަމައެކަނި ބޭރުފުށް ރީތިކުރުމުގެ ބަދަލުގައި، ހިތް އިސްލާހުކޮށް ހަގީގީ ތަޤްވާވެރިންނަށް ވުމަށެވެ.
ހަވާލާ: ޑރ. ޔާސިރް ޤާޟީގެ ދަރުހަކުން 2025.
