ސައިންސްވެރިން ދާދިފަހުން ކުރި ދިރާސާތަކަކުން ވަނީ ގަސްގަހާގެއްސާ ބެހޭގޮތުން އާދަޔާޚިލާފު ހޯދުމެއް ހޯދާފައެވެ. މި ހޯދުންތަކުން ދައްކާގޮތުގައި، ގަސްތަކަކީ ހަމައެކަނި ހެދިބޮޑުވާ އެއްޗެއް ނޫނެވެ. އެއީ ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަން ދެނެގަނެ، އެކަންކަމަށް އިޖާބަދިނުމުގެ ފުރިހަމަ ގާބިލުކަން ލިބިގެންވާ ދިރޭ އެއްޗެހިތަކެކެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ވާރޭ ވެހެން އުޅޭކަން ގަސްތަކަށް އިހުސާސް ކުރެވުމެވެ.

މި ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، ވާރޭގެ ފުރަތަމަ ތިކި ބިމަށް ފޭބުމުގެ އެތައް ގަޑިއިރެއް ކުރިން، ވާރޭ ވެހޭ އަޑު އިވުމުގެ ކުޅަދާނަކަން ގަސްތަކަށް ލިބިގެންވެއެވެ. ޖައްވުގެ ތެރޭގައި ވާރޭ ވިލާގަނޑު އުފެދި، އަންނަ އަޑުގެ ރާޅުތައް (ވައިބްރޭޝަން) ގަސްތަކުން ދެނެގަނެއެވެ. މިއީ އިންސާނުންގެ ކަންފަތަށް ނީވޭ ފަދަ މަޑު އަޑުތަކެއް ނަމަވެސް، ގަސްތަކުގެ ހިއްސުތަކުން މި އަޑުތައް ނަގައިގަނެ، މޫސުމަށް އަންނަ ބަދަލު ދެނެގަނެއެވެ.

ވާރޭ އަންނަން އުޅޭކަން އެނގުމާއެކު، އެކަމަށްޓަކައި ގަސްތައް ދުރާލާ ތައްޔާރުވާން ފަށައެވެ. މިގޮތުން ވާރޭގެ ފެން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށާއި، ގަހުގެ ރައްކާތެރިކުރުމަށްޓަކައި ގަހުގެ އެތެރޭގެ ނިޒާމަށް ބަދަލުތައް ގެަނެއެވެ. މިއީ މާތް ﷲ ގެ ކުޅަދުންވަންތަކަމާއި، ކޮންމެ މަޚްލޫގަކަށްވެސް އެ އެއްޗެއް ދިރިހުރުމަށް ބޭނުންވާނެ ފުރިހަމަ ނިޒާމުތައް މިންވަރުކުރައްވާފައިވާ ކަމުގެ ހެތްކެކެވެ.

ހަވާލާ: ނެޝަނަލް ޖިއޯގްރަފިކް 2025.