ތުރުކީވިލާތުގެ ސިނޮޕް ސަރަޙައްދުގައި ގެއްލިގެން ހޯދަމުން ދިޔަ ދެ އަހަރުގެ ކުޑަކުއްޖަކު، 10 ގަޑިއިރަށްވުރެ ގިނަ އިރު ފަހުން ފަރުބަދައެއްގެ މަތީގައި ވަރަށް އަރާމުކޮށް ނިދާފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މާރިޗުމަހުގެ ތެރޭގައި، ތުރުކީގެ ސިނޮޕްގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ސަރިއަގަޗަޔީ ގައެވެ. މި ކުއްޖާ ގެއްލުނީ އޭނާގެ އާއިލާއިން ދަނޑުބިންތަކެއްގެ ކައިރީގައި ވެލި ބަރުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، އާއިލާއަށް ނޭނގި އެ ސަރަޙައްދުން ދުރަށް ހިނގައިގަތުމުގެ ސަބަބުންނެވެ.
ކުއްޖާ ގެއްލުމާ ގުޅިގެން އެ އަވަށުގެ މީހުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން ވަނީ ވަރަށް ވަރުގަދަ ހޯދުމުގެ އޮޕަރޭޝަނެއް ހިންގާފައެވެ. މިއީ އެ އަވަށުގެ ތާރީޚުގައިވެސް ހިންގުނު އެންމެ ބޮޑު އެއް ރެސްކިއު އޮޕަރޭޝަނެވެ. ގާތްގަނޑަކަށް 10 ގަޑިއިރު ވަންދެން މެދުނުކެނޑި އެ ސަރަޙައްދުގެ ދަނޑުތަކާއި ފަރުބަދަތައް ބަލައި ފާސްކޮށްފައިވެއެވެ.
މި ކުއްޖާ ފެނުނުއިރު، އެކުއްޖާ ވަނީ އެކަނިމާ އެކަނި ގާތްގަނޑަކަށް 3 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތުކޮށްފައެވެ. އެކުއްޖާ ފެނިފައިވަނީ ހިލަ ގިނަ ފަރުބަދައެއްގެ އެންމެ އުސް ހިސާބަކުންނެވެ. ފެނުނުއިރު ކުއްޖާ އޮތީ ވަރަށް އަރާމުކޮށް ނިދާލާފައެވެ. އޭނާ ހޯދުމަށް މުޅި އަވަށުގައި ހިނގަމުންދިޔަ ހާސްކަމާއި ކަންބޮޑުވުމުގެ އެއްވެސް އިހުސާސެއް އެ ކުއްޖާއަށް ނުވާ ފަދައެވެ. ރިޕޯޓުތައް ބުނާގޮތުގައި އެކުއްޖާ ގެއްލުނީކީ ނުނެވެ. އެކުއްޖާ އައު ތަޖުރިބާތަކެއް ކޮއްލަން ހަމަ ގަސްތުގައި އެ ހިސާބަށް ގޮސް، ގަސްތުގައި ނިދާލީއެވެ.
މި ހާދިސާއަކީ އެ ކުއްޖާގެ ކުޑަކުޑަ ހިތުގައިވާ ހިތްވަރާއި، އާ ތަންތަން ހޯދައި ބެލުމުގެ ޝައުގުވެރިކަން ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އޭނާގެ ލޭގައި ދަތުރުވެރިކަމާއި، ސިކުނޑީގައި ހޯދުންތެރިކަން، އަދި ހިތުގެ ކޮންމެ ވިންދެއްގައި އާ ކަންކަމަށް އޮތް ފޯރި މި ކުޑަކުޑަ ދަތުރުން ފެނިގެން ގޮސްފައިވާ ކަމަށް އެ ސަރަޙައްދުގެ މީހުން ބުނެއެވެ. އޭނާ ފެނުމާއެކު އާއިލާއަށާއި މުޅި އަވަށަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފައެވެ.
