މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި މިޔަންމާރގެ ވެރިއަކަށްހުރި އަންގ ސޫކީގެ ވެރިކަން ވައްޓާލާ އަސްކަރިއްޔާގެ ޖެނެރަލް މިންގ އައުން ހްލައިންގ ވަނީ އަސްކަރީ ވެރިކަމެއް ގާއިމުކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު މިޔަންމާރ އިން ވަނީ 4320 ކޭސް ފެނި އަދި 63 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
މިޔަންމާރ ގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކުގައި އެގައުމުގެ ވެރިކަން ބަދަލުވެގެން ދިޔަ ދުވަސްވަރަކީ އެގައުމުގައި ކޮވިޑް-19 އެންމެ ބާރަށް ފެތުރުނު ދުވަސްވަރު ކަމަށް ކަމާބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ. އަދި އެ ދުވަސްތަކުގައި މިޔަންމާރގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ނެތުމާއެކު މި ބަލީގައި މަރުވެގެންދިޔަ މީހުން ޖުމްލަ އަދަދު އަންދާޒާކުރުމަކީ އުނދަގޫކަމެއް ކަމެއްކަމަށްވެސް ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާގޮތުން ވެރިކަންބަދަލުވި ދުވަސްތަކުގައި ޖަލަށްލީ މީހުންނާއި އެކު މިޔަންމާރގެ ޖަލުތަކުން ރޯގާގެ އަލާމާތްތައް ފެނި އެތައް ބަޔަކު ވަނީ މަރުވެފައެވެ. ނަމަވެސް ޖަލުގައި ބައްޔަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ހަމަޖެހިފައި ނެތުމުން މަރުގެ ސަބަބަކީ ކޮވިޑްކަމެއް ޔަޤީންކުރަން ދަތިކަމަށްވެސް ބުނެއެވެ.
މިދިޔަ މަހު ޖެނެރަލް މިންގް އައުންގ ބުނި ގޮތުގައި ކޮވިޑް-19ގެ ވެކްސިންގެ 7 މިލިއަން ޑޯޒް ދިނުމަށް ރަޝިއާއާއި ވާހަކަދައްކާފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި 2 މިލިއަން ވެކްސިން ރަޝިއާގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރަޝިއާއަކީ މިޔަންމާރގައި ހިނގި ބަޢާވާތުގެ ވެރިކަން ބަލައިގަތް މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މިޔަންމާރ އަކީ ޒަމާނުއްސުރެ މުސްލިމުން ދިރިއުޅޭ އަވަށެއް ކަމަށްވާ ރޮހިންޔާގެ މީހުންނާ ދެކޮޅަށް އަނިޔާވެރި ޤަތުލްޢާއްމު ހިންގާ ގައުމެކެވެ. މިދުވަސްކޮޅު މިޔަންމާރގައި އަސްކަރީވެރިކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. މިކަމާއި ދެކޮޅަށް މިޔަންމާރގެ އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް ވެރިކަން ދިފާޢުކުރަމުންނެވެ. މިހާތަނަށް އެކި ކުރިމަތިލުންތަކުގައި 900 އެއްހާ މީހުން މަރުވެފައި ވާއިރު 5000 އަށްވުރެ ގިނަ މީހުން ވަނީ ޖަލުތަކުގައި ހައްޔަރުކޮށްފައެވެ.
