އައިއެސްއާ ގުޅުން ހުރި އޮސްޓްރޭލިއާގެ އަންހެނުންތަކަކާއި ކުޑަކުދިންތަކެއް، އެ ގައުމަށް އެނބުރި ހިނގައްޖެއެވެ. މި މީހުން އޮސްޓްރޭލިއާއަށް ގޮސްފައިވަނީ ކޮމާޝަލް ފްލައިޓެއްގައެވެ.
މި ގުރޫޕުގައި ހިމެނެނީ ހަތަރު އަންހެނުންނާއި ނުވަ ކުޑަކުދިންނެވެ. އެއީ އޮސްޓްރޭލިއާގެ ރައްޔިތުންނެވެ. އެމީހުން އޮސްޓްރޭލިއާއަށް އައުމުގެ ކުރިން ދިރިއުޅެމުން ދިޔައީ ސީރިއާގެ އުތުރުގައި ހުންނަ އަލް-ރޮޖް ޑިޓެންޝަން ކޭމްޕުގައެވެ. އިސްލާމިކް ސްޓޭޓްގެ ވެރިކަން ނިމުނުތާ ހަތް އަހަރު ފަހުން، އެމީހުން އެ ކޭމްޕުން ނިކުމެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި ދަތުރު ރާވައިގެން ކުރިއަށް ގެންގޮސްފައިވަނީ އެމީހުން އަމިއްލަ ގޮތުންނެވެ. މިކަމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، މި އާއިލާތައް އެނބުރި އައުމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.
"މިމީހުން އެނބުރި އައުމަށް ސަރުކާރުން އެއްވެސް އެހީތެރިކަމެއް މިވަގުތު ނުދޭ،" ރިޗަޑް މާލްސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އޮސްޓްރޭލިއާގެ އިންޓެލިޖެންސް އެޖެންސީތަކުން މިކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ގައުމަށް އެނބުރި އަންނަ މީހުންގެ ސަލާމަތީ ކަންކަން އެ އެޖެންސީތަކުން ވަޒަން ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
