ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ އަދަދުތަކަށް ބަލާއިރު، ދަޅު މަސް އެކްސްޕޯޓުކުރާ މިންވަރު މިދިޔަ މަހު ވަނީ 75 ޕަސަންޓު އިތުރުވެއްޖެއެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހު 29 މިލިޔަން ރުފިޔާގެ ދަޅު މަސް އެކްސްޕޯޓުކޮށްފައިވާއިރު، މާޗް މަހު އެ އަދަދު ވަނީ 51 މިލިޔަން ރުފިޔާއަށް އަރައިފައެވެ.
ޖުމްލަ ގޮތެއްގައި ރާއްޖެއިން އެކްސްޕޯޓުކުރި މަހުގެ ތަފާސް ހިސާބަށް ބަލާއިރު، މާޗް މަހު 69 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓުކުރިއެވެ. މިއީ ފެބްރުއަރީ މަހުގެ 51 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 35 ޕަސަންޓުގެ ކުރިއެރުމެކެވެ. މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މަސް ޕްރޮސެސިން ކެޕޭސިޓީ އާއި މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ރާވަމުންދެއެވެ. އަދި ރަށްރަށުގައި އައިސް ޕްލާންޓުތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
