އޮމާނުގެ ބައެއް ސަރަހައްދުތަކުގެ ގޮނޑުދޮއްތަކަށް ގިނަ އަދަދެއްގެ ރަތްކުލައިގެ ކުދި ދިރުންތަކެއް (ކްރަސްޓޭޝިއަންސް) ލޮނުގަނޑާއެކު އަރައި، މުޅި ސަރަހައްދު ރަތްކުލައިގެ ސާލެއް ފަދައިން ފެންނަން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ގުދުރަތީ ގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ހާއްސަކޮށް ކަނޑުގެ ލޮނުގަނޑުގެ ހޫނުމިނަށް އަންނަ ބަދަލުތަކާއި، އޮއިވަރު ހުރި ގޮތުން މިފަދަ ދިރުންތައް ތިލަ ސަރަހައްދުތަކަށް ކޮއްޕާލަނީ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. އަދި ތިލަ ފެނަށް މި ތަކެތި ޖަމާވުމުން، އެ ސަރަހައްދުގެ ތިމާވެށީގެ ހާލަތު ހުންނަ ގޮތުން އެ ތަކެއްޗަށް ދިރިނުއުޅެވި މަރުވަނީ ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ކުރި ފީލްޑް އިންސްޕެކްޝަންތަކުން ނުވަތަ ދިރާސާތަކުން ދައްކާ ގޮތުގައި، އެ ސަރަހައްދުން ތިމާވެށި ތަޣައްޔަރުވުމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. އަދި މި ސަރަހައްދުތަކުން އެހެން ބާވަތްތަކުގެ މަހެއް ނުވަތަ ކަނޑުގެ އެހެން ދިރުމެއް މަރުވެފައިވާކަން ރިކޯޑު ކުރެވިފައި ނުވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޮނޑުދޮށަށް ލައްގާފައިވާ މިފަދަ އެއްވެސް ބާވަތެއްގެ ކަނޑުގެ ދިރުމެއް އާންމު ރައްޔިތުން ކައިބޮއި ހެދުމުގައި ބޭނުން ނުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.