ބޮލީވުޑް ދެ ސުޕަސްޓާރުން ކަމަށްވާ ރިތިކް ރޯޝަންއާއި ސައިފް ޢަލީ ޚާން، 19 އަހަރަށްފަހު އެކުގައި ފިލްމަކުން ފެންނާނެކަން ޔަޤީންވެއްޖެއެވެ. މި ދެމީހުން އެކުގައި ކުޅޭ ފިލްމަކީ 2017 ވަނަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ވިކްރަމް ވެދާ"ގެ ހިންދީ ރީމޭކެވެ. މީގެ ކުރިން މި ދެމީހުން ވަނީ 2002 ގެ ފިލްމު "ނަ ތުމް ޖާނޯ ނަ ހަމް" ކުޅެފައެވެ.
މިއީ އިންޑިޔާގެ ފޯކު ވާހަކައެއް ކަމަށްވާ "ބައިތަލް ޕަރީސީ"ގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމުގައި ކިޔައިދެނީ ފުލުހަކު ގޭންގްސްޓާރެއް މަރާލުމަށްޓަކައި އޭނާ ހޯދުމަށް ކުރާ މަސައްކަތެވެ. ތަމަޅަ ފިލްމުގައި ފުލުސް މީހާގެ ބައި ކުޅުނީ އާރް މަދަވަންއެވެ. ގޭންގްސްޓާރުގެ ރޯލު ކުޅުނީ ވިޖޭ ސެތުޕަތީއެވެ. ހިންދީ ފިލްމުގައި ރިތިކާއި ސައިފް ކުޅޭނީ މީގެ ތެރެއިން ކޮން ރޯލެއްކަން އަދި އޮތީ ސިއްރުކޮށްފައެވެ.
"ވިކްރަމް ވެދާ"ގެ ހިންދީ ރީމޭކް ޑައިރެކްޓްކުރާނީ ތަމަޅަ ފިލްމުވެސް ޑައިރެކްޓްކުރި ޕުޝްކަރް-ގަޔަތުރީއެވެ. ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ 30 ސެޕްޓެމްބަރ 2022 ގައެވެ. ރިތިކް މިހާރު ދީޕިކާއާއެކު ކުޅެމުން އަންނަ ފިލްމު "ފައިޓާ" ވެސް ރިލީޒްކުރަން ނިންމާފައިވަނީ ހަމަ އެ ތާރީޚުގައެވެ.
ސައިފްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޕްރަބާސްއާއި ކްރިތީ ސަނަންއާއެކު ކުޅޭ "އަދިޕުރްޝް" އާއި އަރްޖުން ކަޕޫރާއި ޔާމީ ގޯތަމް އަދި ޖެކްލިން ފެނާންޑޭޒްއާއެކު ކުޅޭ "ބޫތު ޕޮލިސް" ހިމެނެއެވެ.
