ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުން (އެސްއޯއީ) މީޑިއާތަކަށް ދޭ ސްޕޮންސާގެ ކަންކަމުގެ ތެރެއަށް ރައީސް އޮފީހުގެ އެއްވެސް ބޭފުޅަކު ވަންނަ ނަމަ، އެ މީހެއްގެ މައުލޫމާތު އެމަނިކުފާނާ ހިއްސާ ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގަތީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތީރު މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް މި ބައްދަލުވުމުގައި ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރަން ފެށުމާއެކު، ކުންފުނިތަކުން އާންމުކޮށް މީޑިއާތަކަށް ދޭ ސްޕޮންސާ ދޭން ނުޖެހޭނެ ކަމަށެވެ. މިއީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއްކަން ފާހަގަކުރައްވައި، ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް މީޑިއާތަކަށް ފައިސާ ދިނުން ހިމަނާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މީގެ ކުރިން ކުންފުނިތައް މެދުވެރިކޮށް ފައިސާ ދެމުން އައި އައުން ނިމުމަކަށް އަންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، އެސްއޯއީތަކަށް އެ ކުންފުނިތަކުގެ އަމިއްލަ ޕްރޮޑަކްޓުތަކާއި މަސައްކަތްތައް އިޝްތިހާރު ކުރުމަށް މީޑިއާ ޕެކޭޖުތައް ނެގުމުގެ ހައްގު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރަންވާނީ ދެފުށް ފެންނަ، ޕްރޮފެޝަނަލް މިންގަނޑުތަކުގެ މަތިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަން ހަމަ ޓްރާންސްޕޭރެންޓް ގޮތަކަށް، ޕްރޮފެޝަނަލް މިންގަނޑުތަކުން ކުރިއަށް ގެންދިޔާމަ އަޅުގަނޑު ހިތުން ހަމަ ރަނގަޅުވާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިފަދަ އެއްބަސްވުންތަކުގެ ތެރެއަށް ރައީސް އޮފީހުން ނުވަންނާނެ ކަމަށާއި، އެފަދަ ކަމެއް ހިނގާކަން ފާހަގަވާނަމަ ސީދާ އެމަނިކުފާނަށް އެންގުމަށް ވަނީ އެދިވަޑައިގެންފައެވެ.
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން، މިހާތަނަށް 40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މީޑިއާތަކަށް ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިންނެވެ.
