ހައްސާސް މައްސަލަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތު، ކިތަންމެ ޕްރެޝަރެއް އައިސްގެން ވެސް އާންމު ނުކުރުމަށް އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ އެކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ދަނާލުގައި މިދިޔަ ހަފްތާގައި ނިޔާވި, 18 އަހަރުގެ ކުއްޖެއްގެ މައްސަލައިގައި ފުލުހުންނާއި ހޯމް މިނިސްޓަރު އަލީ އިހުސާން މައުލޫމާތު އާންމު ކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. ރައީސް ވިދާޅުވީ އެ ދުވަހު އެކަން ކުރަން ޖެހުނީ މަޖުބޫރު ހާލަތެއްގައި ކަމަށެވެ. އެކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ސޯޝަލް މީޑިއާގައި އިލްޒާމުތައް އަޅުވައި، އެ މީހުން ނުރައްކަލަށް ހުށަހެޅުމުން އެ މީހުންނަށް މަޖުބޫރުވީ މައުލޫމާތު ދޭން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް އެއީ ޕްރޮފެޝަނަލް މިންގަނޑުތަކުން ބަލާއިރު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ މީހެއްގެ ވެސް ޒާތީ ހައްގުތަކެއް ވާ ކަމަށާއި އެ ހައްގުތައް ހިމާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މައުލޫމާތުތައް އާންމު ކުރުމުގެ ސަބަބުން އެކަމުގައި މަސައްކަތް ކުރި މުވައްޒަފުން މިހާރު ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، ކުރިއަށް އޮތްތަނުގައި ކިތަންމެ ބޮޑު ޕްރެޝަރެއް އައިސްގެން ވެސް ވިކްޓިމްގެ ޒާތީ މައުލޫމާތު އާންމު ނުކުރުމަށް އިދާރާތަކަށް ރައީސް ވަނީ އަންގަވާފައެވެ. އެފަދަ ހާލަތްތަކުގައި އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.