މިދިޔަ އެކާވީސް ދުވަހުގެ ތެރޭގައި، ސަރުކާރުން ޖުމްލަ 924 މިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި މަހުގެ ދެވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ބޮޑު ދަރަންޏަކާއި، މި މަހުގެ 23 ގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ހިމެނެއެވެ. ރައީސް ވިދާޅުވީ މި ފައިސާ ދައްކާފައިވަނީ ގައުމަށް ޑީފޯލްޓެއް ކުރިމަތިވިޔަ ނުދީ، އެއްވެސް ހަރުމުދަލެއް ނުވިއްކާ އަދި ރަހުނެއް ދޫކޮށްނުލައި ކަމަށެވެ. މީގެ އިތުރުން ކުރިން ރަހުނުކޮށްފައި ހުރި ތަންތަން ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭރުގެ ދަރަނި ދެއްކުމުގެ އިތުރުން، ސަރުކާރުން އަންނަނީ އެތެރޭގެ ދަރަނިތައް ވެސް އަދާކުރަމުންނެވެ. މިގޮތުން ނޮވެންބަރު މަހުން ފެށިގެން މިހާތަނަށް ލޯކަލް ވެންޑަރުންނަށް ދައްކަން ޖެހިފައި ހުރި 3.3 ބިލިޔަން ރުފިޔާގެ ބިލުތަކަށް ވާ ފައިސާ ދައްކާ ހަލާސް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަހުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު 260 މިލިޔަން ރުފިޔާ ވެންޑަރުންނަށް ދެއްކުމަށް ވަނީ ނިންމާފައެވެ.
ގައުމުގެ މާލީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނެ ގޮތަކަށް ދަރަނިތައް އަދާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
