ރާއްޖޭގައި ބުލީ ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ، ބުލީ ކުރުމަކީ ރާއްޖެއަށް އާ ކަމެއް ނޫން ކަމަށާއި، މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ހުރި ބޮޑު މައްސަލައެއް ކަމަށެވެ. އެގޮތުން، މި މައްސަލަ ހައްލު ކުރުމަށްޓަކައި ހާއްސަ ގާނޫނެއް ތައާރަފު ކުރުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ކުރިން ގާނޫނުލްއުގޫބާތަށް ގެނެވުނު އިސްލާހުތަކުގައި އޮންލައިންކޮށް ކުރާ ބުލީ ކުރުމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް ހިމެނިފައިވީ ނަމަވެސް، މިއީ މުޅިން އާ ގާނޫނަކަށް ވާނެއެވެ.

މި ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިހާރު އޭޖީ އޮފީހުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ކުރަމުންދަނީ ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާ އެކީގައެވެ. މަޝްވަރާގެ ހުރިހާ މަރުހަލާތަކެއް ނިންމުމަށްފަހު، ވަރަށް އަވަހަށް މި ގާނޫނު މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އާ ގާނޫނުގެ ތެރެއިން، ބުލީ ކުރުމުގެ އަމަލުތަކަކީ ކޮބައިކަން ސާފުކޮށް ކަނޑައަޅާނެ ކަމަށެވެ. އަދި މި އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތްތަކާއި، ގާނޫނު ހިންގާނެ ދާއިރާތައް ވެސް މި ގާނޫނުގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.