ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުއާ ގުޅުވައިގެން ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ކައިވެނިން ބޭރުން އެއްވެސް ނަހަމަ ގުޅުމެއް ހިންގާފައި ނުވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ މީޑިއާއިން އުފައްދާފައިވާ ވީޑިއޯތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ކަމަށެވެ. އެމަނިކުފާނަށް އަމާޒުކޮށް ފަތުރަމުންދާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ދޮގު މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށާއި، ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން މިކަމަށް އިންސާފު ހޯއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.