ދިރިއުޅުމުގެ އޮއިވަރު ބަދަލުވެ، އާއިލީ ގުޅުންތަކަށް އަންނަ ބަދަލުތަކަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި އާންމުވަމުންދާ ހިތާމަވެރި ކަމެކެވެ. މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުމަކީ ދެމަފިރިއަކަށް ކުރިމަތިވާ ވަގުތީ ހިތްދަތިކަމެއް ކަމުގައި ވިޔަސް، އޭގެ އަސަރު މުޅި އުމުރަށް އުފުލަންޖެހެނީ އެ ދެމީހުންގެ ލޮލުގެ ނޫރު ފަދަ ދަރިންނަށެވެ. ދުނިޔޭގައި ބައްޕަ ހުރެމެ، ބައްޕަގެ ލޯތްބާއި އަޅާލުމުން މަހުރޫމްވެފައިވާ އެތައް ކުދިންނެއް އަޅުގަނޑުމެންގެ ވަށައިގެންވެއެވެ. ބައްޕަގެ ހިޔާވަހިކަމެއް ނެތި ބޮޑުވަމުން އަންނަ މި ކުދިންގެ ހިތުގެ އުދާސްތައް ބަޔާންކޮށްދޭން ދައްޗެވެ.
ކައިވެނި ރޫޅުމާއެކު، ބައެއް ބައްޕައިންނަށް ދަރިންގެ މަތިން ހަނދާން ނެތޭ ފަދައެވެ. ދަރިންނަކީ ތިމާގެ ލޭގެ ގުޅުން ހުރި، ތިމާގެ ޒިންމާއެއްކަން ހަނދާން ނައްތާލައި، އާ ދިރިއުޅުމެއްގެ ތެރެއަށް ގެނބިގެންދާއިރު، އެ ބައްޕަގެ އޯގާތެރިކަމަށް އެދި އެދި ތިބޭ ދަރިންގެ ހިތްތައް ކުދިކުދިވެގެން ދެއެވެ. ބައްޕައަކީ އާއިލާގެ ތަނބެވެ. ނަމަވެސް އެ ތަނބު ވެއްޓި، ދަރިން ބާކީވުމުން، އެކުދިންނަށް ކުރިމަތިވާ އެކަނިވެރިކަމާއި ނިކަމެތިކަމަކީ ހިތްދަތި ކަމެކެވެ. ބައްޕަގެ ބަހެއް، ހިނިތުންވުމެއް ނުވަތަ އޯގާތެރިކަމުގެ ފިރުމާލުމެއްގެ އިންތިޒާރުގައި އެތައް ރެއަކާއި ދުވާލެއް އެކުދިން ހޭދަކުރެއެވެ.
ބައްޕަގެ ފަރާތުން ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަމަކީ ކޮންމެ ކުއްޖެއްގެވެސް ހައްޤެކެވެ. ދުނިޔޭގެ ނާމާންކަމާއި ނުރައްކާތަކުން ދަރިފުޅު ސަލާމަތްކޮށްދޭނެ އެންމެ ވަރުގަދަ އައްޑަނައަކީ ބައްޕައެވެ. ނަމަވެސް ބައްޕަގެ ހިޔާވަހިކަން ގެއްލިގެންދާ ހިނދު، އެކުދިންނަށް އިހުސާސް ކުރެވެނީ މުޅި ދުނިޔެއަށް އެކަނިވެފައިވާ ކަމެވެ. ބައްޕައެއްގެ ހިމާޔަތް ނެތުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ގިނަގުނައެވެ. ބައްޕަގެ ވަރުގަދަ އަތުގެ އެހީތެރިކަމަށް އެދޭ ކޮންމެ ފަހަރަކު، އެ އަތް ތިމާއާ ދުރުގައިވާކަން އިހުސާސްވުމުން ކުރެވޭ އަސަރު ބަޔާންކުރަންވެސް ދައްޗެވެ.
މި ކުދިން ބޮޑުވަމުން އަންނައިރު، އެހެން ކުދިން ފަދައިން ބައްޕައެއްގެ ފަރާތުން ލިބެންޖެހޭ ހުރިހާ ކަމަކަށް އެކުދިންވެސް އިންތިހާއަށް އެދެއެވެ. ސުކޫލުގެ މުނާސަބަތުތަކުގައްޔާއި، އީދު ފަދަ އުފާވެރި ދުވަސްތަކުގައި ބައްޕަގެ އަތުގައި ހިފައިގެން ހިނގާލަން އެކުދިން ބޭނުންވެއެވެ. ތިމާގެ ކާމިޔާބީތައް ހިއްސާކޮށް، ބައްޕަގެ ފަހުރުވެރި ބަސްތައް އަޑުއަހަން ހިތް އެދި ގޮވައެވެ. ބައްޕަ ހުރެމެ، ބައްޕަ ނެތް ކުއްޖެއްގެ އިހުސާސް ކުރަންޖެހުމަކީ އެކުދިންގެ މައުސޫމް ހިތްތަކަށް ކެތްކުރަން ދަތި ބޮޑު ތަކުލީފެކެވެ.
ޒިންމާދާރު ކޮންމެ ބައްޕައަކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އަނބިމީހާއާ ވަކިވި ނަމަވެސް ދަރިންނާ ވަކިނުވެވޭނެ ކަމެވެ. އެ ދަރިންނަކީ މާތް ﷲ ތިބާއާ ހަވާލުކުރެއްވި އަމާނާތެކެވެ. އެކުދިންގެ ހިތްތަކުގައި ޖެހޭ ކޮންމެ ރިހުމަކާއި، އޮހޭ ކޮންމެ ކަރުނަ ތިއްކަކަށް މާދަމާ ތިބާ ޖަވާބުދާރީވާން ޖެހޭނެއެވެ. "ބައްޕަ އެހެނަސް އެދޭތީ މަގޭ ހިތް ރޮނީ" މި އިހުސާސަކީ އެއްވެސް ކުއްޖަކު ކުރަން ބޭނުންވާނެ އިހުސާސެއް ނޫނެވެ. އެހެންކަމުން، ކޮންމެ ބައްޕައަކީވެސް ދަރިންގެ ހައްގުގައި އޯގާތެރި، އަޅާލާ، އަދި އެކުދިންގެ ދިރިއުޅުމުގެ ހިޔާވަހިކަމެއް ކަމުގައި ވާންޖެހެއެވެ.
