އިންޑިއާގެ ސަރުކާރު ސްކޫލެއްގައި މަސައްކަތްކުރާ ޓީޗަރަކަށް އިނގިރޭސިބަހުން "ޖެނުއަރީ" މި ބަސް ރަނގަޅަށް ލިޔަން ނޭނގި، އޭގެ ބަދަލުގައި "ޖުންގޫ" އޭ ލިޔުނު މައްސަލައެއް ފެންމަތިވެ، އެ ގައުމުގެ ތައުލީމީ ނިޒާމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.

"ދަ ސަންދޭޝް އިންޑިއާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޓީޗަރަކީ މަހަކު 71،000 އަށް ވުރެ ގިނަ އިންޑިއަން ރުޕީސް މުސާރައިގެ ގޮތުގައި ލިބޭ މީހެކެވެ. ނަމަވެސް، ރިޕޯޓަރުން އެ ސްކޫލަށް ޒިޔާރަތްކޮށް ކުރި ސުވާލުތަކަށް ޖަވާބު ދެމުން، ޖެނުއަރީގެ ސްޕެލިން ނުބައިކޮށް ލިޔުމަށްފަހު އެކަމާ އަމިއްލައަށް ހީނ ހެދި މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

މިއީ ހަމައެކަނި އެއް ޓީޗަރަކަށް ދިމާވި ނާކާމިޔާބީއެއް ނޫން ކަމަށާއި، މިއީ އިންޑިއާގެ ސަރުކާރު ސްކޫލްތަކުގެ ތައުލީމީ ފެންވަރު އޮތް މިންވަރު ހާމަކޮށްދޭ ހިތާމަވެރި ހަގީގަތެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރު ސްކޫލްތަކަށް ރިޕޯޓަރުން ކުރި ޒިޔާރަތްތަކުން އެނގުނު ގޮތުގައި، އަސާސީ މައުލޫމާތު ކަމަށްވާ މަސްތަކުގެ ނަންތައް ލިޔަން ނޭނގޭ އެތައް ޓީޗަރުންނެއް އެބަތިއްބެވެ.

މި މައްސަލާގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑެތި މުސާރަ ޓީޗަރުންނަށް ދެމުންދާއިރު، ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންގެ އަމިއްލަ ދަރިން ތައުލީމު ހާސިލުކުރުމަށް ފޮނުވަނީ އިންޑިޔާއިން ބޭރަށް ނުވަތަ އަގުބޮޑު ޕްރައިވެޓް ސްކޫލްތަކަށް ވާތީއެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކާއި އަމަލީ މައިދާނުގައި ހުރި ބޮޑެތި ތަފާތުތައް ހާމަކޮށްދޭ ކަމެކެވެ.

ޒުވާން ޖީލެއް ބިނާކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކުގެ ކިބައިގައި އަސާސީ ތައުލީމު ނެތުމަކީ، ޓީޗަރުން ތަމްރީނުކުރުމާއި، ޒިންމާދާރުކުރުވުމުގައި ހުރި ބޮޑެތި ހުސްކަންތައްތަކެއްގެ ނަތީޖާއެވެ. މި ހާދިސާއަކީ މުޅި ތައުލީމީ ނިޒާމު އިސްލާހުކޮށް، ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ކަށަވަރުކޮށްދިނުމަށް ލިބުނު އިންޒާރެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.