1800ގެ އަހަރުތަކާއި 1996 އަހަރާއި ދެމެދު ކެނަޑާގައި ދިރިއުޅުނު އެތައްހާސް ކުޑަކުދިންނެއް ވަނީ އެމީހުންގެ މައިންބަފައިންގެ އަތުން އަތުލައި ޑިޓެންޝަން ސެންޓަރ ތަކަށް ގެންގޮސްފައެވެ. މިއީ މި ދުވަސްވަރު އިނގިރޭސީންގެ އިސްތިޢުމާރުން ސަލާމަތްވުމަށް ކެނަޑާއަށް ހިޖުރަކުރި އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގެ މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކެކެވެ. މި ޑިޓެންޝަން ސެންޓަރ ތަކުގައި އެ ކުދިންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. ބައެއް ކުދިން ބަނޑަށް ބޭތިއްބިއިރު އަނެއްބައި ކުދިންގެ ބޯ ބާލައި ކަރަންޓު ޖައްސާ އަނިޔާ ކުރިއެވެ.
ލިބުނު އަނިޔާތަކުގައި އެތައް ހާސް ކުދިންނެއް މަރުވެގޮސްފައިވާއިރު ޖުމްލަ އަދަދެއް އަދިވެސް ސާފުނުވާކަމަށް ތާރީޚް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. މިއީ ކެނަޑާއަށް ހިޖުރަކުރާ މީހުން ހުއްޓުވައި މީހުންނާ ދެކޮޅަށް ހިންގި ބޮޑު ޤަތުލްޢާއްމެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ދާދި ފަހުން ކެނަޑާގެ ސްކޫލެއްގެ ތެރެއިން އެތައް ހާސް ކުޑަކުދިންގެ ކަށިތައް ވަނީފެނިފައެވެ. މިއީ މިގޮތަށް ކެނަޑާގެ ސްކޫލްތަކުގެ ބިމުގެ އަޑިން ކަށިތަކެއް ފެނުނު ދެވަނަ ފަހަރެވެ.
މިކަމާއި ގުޅިގެން ކެނަޑާގައި އިއްޔެ ކުރެވުނު ހުކުރު ނަމާދުގެ ޚުތުބާގައި ކެނަޑާގެ މުސްލިމު އިމާމުން ވަނީ މަރުވެ ދިޔަ އާއިލާތަކަށް ހެޔޮ ދުޢާކޮށް އާއިލާތައް ނިސްބަތްވާ މުސްލިމު ނޫން ގައުމުތަކުގެ ރައްޔިތުންނަށް ހިތްވަރުދީފައެވެ. އަދި މިއީ މިހާރުވެސް އެކި ގައުމުތަކުގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމެއް ކަމަށާއި އިސްލާމްދީނުގައި އަނިޔާވެރިކަމަކީ ދުވަހަކުވެސް ބަލައިގަންނާނެ ކަމެއް ނޫންކަމަށް ވެސް ވަނީ ބުނެފައެވެ. މި ފެނުނު ކަށިތަކަށް ކެނަޑާގެ ސަރުކާރުގެ ފަރާތުން މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. ކޮމެން އަހަރަކު އެމެރިކާގެ ގައުމުތަކުންނާއި އަދި އެފްރިކާ އާއި އޭޝިއާގެ ގައުމުތަކުން ވެސް އެތައް ހާސް ކުޑަކުދިންނެއް ވަގަށްނަގައި ވިއްކުމުގެ ވިޔަފާރި ކުރާކަމަށް އ.ދ. ގެ ރިޕޯޓްތަކުން ވަނީ ހާމަކޮށްފައެވެ.
