އިންސާނާގެ ހަށިގަނޑަށް ލިބޭ އަނިޔާއަކުން އުފެދޭ ތަދު، އެ އަނިޔާއެއް ފަސޭހަވުމަށްފަހުވެސް ދިގުލައިގެން ދިއުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ސިއްހީ ބޮޑު މައްސަލައެކެވެ. މިފަދަ ދާއިމީ ތަދު ނުވަތަ "ކްރޮނިކް ޕެއިން" އުފެދޭ ގޮތާ ބެހޭގޮތުން ޔުނިވަރސިޓީ އޮފް ކޮލޮރާޑޯ ބޯލްޑަރގެ ސައިންސްވެރިން ވަނީ އާ ހޯދުމެއް ހޯދާފައެވެ. އެބޭފުޅުން ވަނީ ސިކުނޑީގެ ފުންމިނުގައި، މިފަދަ ތަދުތައް ކޮންޓްރޯލްކުރާ "ސްވިޗެއް" ފަދަ ސަރަހައްދެއް ދެނެގަނެފައެވެ.

މި ދިރާސާގައި ސައިންސްވެރިން ފާހަގަ ކޮށްފައިވަނީ ސިކުނޑީގެ "ކޯޑަލް ގްރެނިއުލަރ އިންސިއުލަރ ކޯޓެކްސް" ނަމަކަށް ކިޔާ ކުޑަ އަދި މާ ބޮޑަށް ދެނެގަނެވިފައި ނުވާ ސަރަހައްދެކެވެ. މިއީ ހަށިގަނޑުގައި އުފެދޭ ތަދުތައް ދެމިހުންނާނެތޯ ނުވަތަ ފިލައިގެން ދާނެތޯ ނިންމާ މައި މަރުކަޒެއްގެ ގޮތުގައި މަސައްކަތްކުރާ ތަނެކެވެ. މި ސަރަހައްދުން ހަށިގަނޑަށް ފޮނުވާ ސިގްނަލްތަކުގެ ސަބަބުން، އަނިޔާ ފަސޭހަވުމަށްފަހުވެސް ތަދު އިހުސާސްވަމުންދާކަން ސައިންސްވެރިންނަށް ވަނީ އެނގިފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، މި ސަރަހައްދަކީ ތަދު އިހުސާސްކޮށްދޭ ސިގްނަލްތައް ދިގު މުއްދަތަކަށް ދެމެހެއްޓުމަށް އަމުރުކުރާ ކޮމާންޑް ސެންޓަރެކެވެ. އާންމުކޮށް އަނިޔާއެއް ލިބުމުން ހަށިގަނޑުން އެކަމުގެ އިންޒާރު ދިނުމަށް ތަދު އުފެދެއެވެ. ނަމަވެސް، "ސީ.ޖީ.ސީ" އިން މި ސިގްނަލްތައް ނިއްވާނުލައި ދިގުދައްމާލުމުން، މަސްތަކާއި އަހަރުތަކަށް އެ ތަދު ދެމިގެންދާ ގޮތް މެދުވެރިވެއެވެ. މިއީ އިންސާނާގެ ސިކުނޑިން ތަދު ކޮންޓްރޯލްކުރާ ގޮތް ދެނެގަތުމަށް ލިބުނު ވަރަށް މުހިންމު މައުލޫމާތެކެވެ.

ޖަނަވާރުން ބޭނުންކޮށްގެން ހެދި ތަހުލީލުތަކުން ފެނުނު ގޮތުގައި، މި ސަރަހައްދުގެ މަސައްކަތް ހުއްޓުވާލުމުން، ދާއިމީ ތަދު އުފެދުން ހުއްޓުވައިދެއެވެ. މީގެ އިތުރުން، ކުރިންސުރެ ދާއިމީ ތަދުގެ އުނދަގޫ ތަހައްމަލު ކުރަމުންދާ ހާލަތްތަކުގައިވެސް، މި "ސްވިޗް" ނިއްވާލުމުން އެ ތަދު މުޅިން ފިލައިގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ މިފަދަ ވޭންތަކަށް ފަރުވާ ހޯދުމުގައި އިންގިލާބީ ބަދަލެއް ގެނެސްދޭނެ ހޯދުމެކެވެ.

މި ހޯދުމުގެ ސަބަބުން ދާއިމީ ތަދަށް ފަރުވާ ހޯދުމުގައި އާ އުންމީދުތަކެއް ވަނީ ލިބިފައެވެ. އިންސާނުންގެ ސިކުނޑީގައިވެސް މި ސަރަހައްދު މިގޮތަށް މަސައްކަތްކުރާކަން ކަށަވަރު ކުރެވިއްޖެނަމަ، މުސްތަގުބަލުގައި ބޭސްވެރިކަމުގެ ދާއިރާއިން އާ ފަރުވާތަކެއް ތައާރަފު ކުރެވޭނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން ގުނާލެވޭ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ދާއިމީ ވޭނަށް ނިމުމެއް ގެނެސްދީ، އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.