އިންސާނާގެ ހިތަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވަދެގަންނަނީ ވަރަށް ހިމޭންކަމާއެކުގައެވެ. މުސްތަޤުބަލާމެދު އޮންނަ ނޭނގުމާއި، ދިރިއުޅުމުގެ ދަތިތަކާއި، ކަންކަން ތިމާގެ ބާރުގެ ދަށުން ނެއްޓިގެންދާކަމުގެ އިހުސާސްވުމަކީ މިފަދަ ބިރުވެރިކަން އުފެދޭ ސަބަބުތަކެވެ. އިސްލާމްދީނުގައި ބިރުވެރިކަމަކީ އިންސާނީ ފިޠުރަތުގައިވާ އިހުސާސެއްގެ ގޮތުގައި ބަލައިގަނެއެވެ. ނަމަވެސް، މިފަދަ ކޮންމެ ހާލަތެއްގައިވެސް މުއުމިނުންނަށް އޮތް އެންމެ ބޮޑު ހައްލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ރުޖޫޢަވުމެވެ.

ދިރިއުޅުމުގެ އިމްތިހާނުތައް ކުރިމަތިވާއިރު، މުއުމިނަކަށް އޮތީ ސާބިތުކަމާއެކު ހުރުުމެވެ. ހިތާމަކުރުމާއި ބަލިކަށިކަން އިހުސާސްވުމަކީ އިންސާނީ ތަބީޢަތުގައިވާ ކަމެއް ނަމަވެސް، އެއީ އީމާންތެރިކަން ބަލިކަށިކޮށްލަންވީ ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ﷲ އަށް އޮތް ތަވައްކަލް ވަރުގަދަކުރަންވީ ވަގުތެވެ.

'وَلَا تَهِنُوا وَلَا تَحْزَنُوا وَأَنْتُمُ الْأَعْلَوْنَ إِنْ كُنْتُمْ مُؤْمِنِينَ ތިޔަބައިމީހުން ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން مؤمن ން ކަމުގައި ވާނަމައެވެ.'

އިސްލާމީ އަޤީދާގައި ކޮންމެ ދަތިކަމަކީވެސް އޭގައި ފޮރުވިފައިވާ ޙިކުމަތްތަކެއް އެކުލެވިގެންވާ ކަމެކެވެ. ދިރިއުޅުމުގައި ކުރިމަތިވާ އެއްވެސް އިމްތިހާނަކީ ބޭކާރު ގޮތެއްގައި ދިމާވާ ކަމެއް ނޫނެވެ. އެހެންކަމުން، ކެތްތެރިކަން އިސްކޮށް، ހެޔޮކަންކަންމަތީ ދެމިހުރުމަށް މުއުމިނުންނަށް ބާރުއަޅުއްވާފައިވެއެވެ. ހިތަށް ބިރުވެރިކަން ވަންނަ ހިނދު، ހިތަށް މަޑުމޮޅިކަމާއި ހަމަޖެހުން ގެނެސްދެނީ ﷲ ހަނދުމަކުރުމުންނެވެ. ހަގީގީ ހަމަޖެހުމަކީ ހަމައެކަނި މައްސަލަތައް ހައްލުވުމެއް ނޫނެވެ. އެއީ މައްސަލަތަކުގެ ތެރޭގައި ހުންނައިރުވެސް، އުފެއްދެވި ފަރާތާ އޮންނަ ގުޅުން ވަރުގަދަވުމުން ލިބޭ އުފަލެކެވެ.

ﷲ ގެ ވަޢުދުފުޅުގައިވަނީ ދަތިކަމާއެކު ފަސޭހަކަން ވާކަމެވެ. ބައެއް ފަހަރު އެ ފަސޭހަކަން ލިބުން ލަސްވެދާނެއެވެ. ނަމަވެސް، ދިރިއުޅުމުގެ ބުރަދަން އިހުސާސްވާ ކޮންމެ ހިނދެއްގައި، އެއާއެކު ލުއިކަންވެސް ލިޔެވިގެންވާކަން ހަނދާންކުރަންޖެހެއެވެ.

'فَإِنَّ مَعَ الْعُسْرِ يُسْرًا ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.'

ނިންމާލަމުން ދަންނަވާނީ، މުއުމިނަކު އޭނާގެ ދިރިއުޅުމުގެ ހަނގުރާމައިގައި ދުވަހަކުވެސް އެކަނިވެރިއެއް ނުވާނެއެވެ. އީމާންތެރިކަން ވަރުގަދަވާ ވަރަކަށް ބިރުވެރިކަން ބަލިކަށިވެގެންދާނެއެވެ. ﷲ އީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ، އަޅުތަކުންނާ ކައިރިވެވޮޑިގެންވާ، އަދި ހުރިހާ ކަމެއްގެ މައްޗަށް ބާރުވެރިވެވޮޑިގެންވާ ފަރާތްކަން ދަނެ، އެކަލާނގެއަށް ވަކީލުކުރުމުން ހިތަށް ފުރިހަމަ ހަމަޖެހުން ލިބިގެންދާނެއެވެ.

ރެފަރެންސް: މުފްތީ މެންކުގެ ދަރުސްތައް