މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ރަސްމާލެ މަޝްރޫއަކީ ކޮންމެހެން ކުރަން މަޖުބޫރު މަޝްރޫއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދިޔަ ނަމަވެސް، ހުޅުމާލެ ފޭސް 3، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ މަސައްކަތްތަކަށް ވެސް ހާއްސަ އިސްކަމެއް ދެމުންދާ ކަމަށެވެ.

މި ތަންތަނުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ ވީހާވެސް އަވަހަކަށް ގާއިމުކޮށް، ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތްތައް އަވަސްކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ރަސްމާލޭގެ އެންމެ ބޮޑު މަގުސަދަކީ މުސްތަގުބަލަށް އޮތް ޕްލޭނެއް ކަމަށެވެ. "ގުޅިފަޅު، ގިރާވަރުފަޅު، ހުޅުމާލެ 3، މި ތަންތަނުގައި މިހާރު ބިމެއް ނެތް އިތުރަށް ދޭކަށް. ގިނަވެގެން ކުރިމަގުގައި ދެވޭނީ 12،000 ފްލެޓް. އެހެންވީމަ ރަސްމާލެއަކީ މުސްތަގުބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫއެއް،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް 2023 ޑިސެމްބަރު މަހު ފެށިފައިވާއިރު، މިހާރު ވެސް 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާފަ އެވެ. ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން 65،000 ގެދޮރު ޔަގީންކުރުމަކީ ސަރުކާރުގެ އަމާޒެވެ.