އިންޑިއާގެ އެންމެ މަޤުބޫލު ޓީވީ ސިލްސިލާތަކުގެ ތެރޭ ހިމެނޭ "އަނޫޕާމާ"ގެ މަޤުބޫލުކަން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދާއިރު އެ ސިލްސިލާ ފެށީއްސުރެ އޭގެ ވާހަކަ ނުދެކެވޭ ދުވަހެއް ނުދެއެވެ. އޭގެ ޝައުޤުވެރިކަން ހިފަހައްޓަން ޓުވިސްޓަކަށްފަހު ޓުވިސްޓެއް ގެންނަމުންދާއިރު އެއަށް އާ ތަރިންވެސް އަންނަމުން ދެއެވެ.

އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ ގިނަ އެކްޓަރުންތަކަކަށް "އަނޫޕާމާ"ގެ ރޯލުތަކެއް ހުށަހަޅާފައިވާކަމަށް ރިޕޯޓުތައް ބުނާތާވެސް ދުވަސްތަކެއް ވެއްޖެއެވެ. އޭގެ ތެރެއިން އެކަކަކީ މރ. ބަޖާޖްގެ ރޯލު ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި ރޯނިތު ރޯއީއެވެ. އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި ޑިޖިޓަލް މީޑިއާތަކުން އޭނާ އެތައް ޓީވީ ޝޯވތަކަކާއި ގުޅުވަމުންދާކަމަށާއި އެ ހުރިހާ ވާހަކައަކީވެސް އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ޓީވީގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އެފަދަ މަސައްކަތެއް ކުރާނަމަ ސީދާ އޭނާ އެކަން ހާމަކުރާނެކަމަށް ބުނެފައިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޝަރަދު ކެލްކަރްއަށްވެސް އަނޫޕާމާގެ ރޯލެއް ހުށަހެޅިކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އޭނާވެސް ވަނީ އެކަން ދޮގުކޮށް އޭނާއަށް އަނޫޕާމާގެ އެއްވެސް ރޯލެއް ހުށަނާޅާކަމަށް ބުނެފައެވެ. ޓީވީ އެކްޓަރެއްގެ ގޮތުގައި އޭނާ އިންޑަސްޓްރީއަށް ވަން ނަމަވެސް މި ފަހަކަށް އައިސް އޭނާ މަސައްކަތް ކުރަމުން އައީ ފިލްމުތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައިކަން އޭނާ ފާހަގަކުރިއެވެ. އޭނާ ޝައުޤުވެރިވާ ކަހަލަ ރޯލެއް ޓީވީ ސިލްސިލާއަކުން ލިބިއްޖެނަމަ އޭނާ އެކަމާ ވިސްނާނެ ކަމަށާއި އަދި އޭނާއަށް ޝޯވއަކަށް ވަގުތު ދެވޭވަރަށްވުރެ ބިޒީކަމަށް ބުނަމުން އޭނާ ބުނެފައިވަނީ މީހުން އެކަހަލަ ޚަބަރުތަކާއެކީ އަންނަ ގޮތަކާއިމެދު އޭނާ ހައިރާންވާކަމަށެވެ.

"އަނޫޕާމާ" އަށް ޓުވިސްޓަކަށްފަހު ޓުވިސްޓެއް ގެންނަމުންދާއިރު އެންމެ ފަހުގެ އެޕިސޯޑްގައި ވަންރާޖްއާއި ކާވްޔާގެ ވަޒީފާ ވަނީ ގެއްލިފައެވެ. އޭނާގެ ވަޒީފާ ގެއްލުމުގެ ތުހުމަތު އަނޫޕާމާއާއި ކިންޖަލްގެ ބޮލުގައި އަޅުވައި ބޮޑު މައްސަލަގަނޑެއް ހިލުވާލުމުން ވަންރާޖްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ވަންރާޖްގެ ދެވަނަ ވަޒީފާވެސް ގެއްލުމުން މާޔޫސްވެފައި ހުރި ވަގުތުގައި އޭނާގެ ބައްޕަ އޭނާއަށް ރަނގަޅު ނަޞޭޙަތްތަކެއް ދޭތަން ފެނެއެވެ.