ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ އަޒްވަރު އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މިއަދުން ފެށިގެން އެ މަގާމަށް އޭނާ އައްޔަންކޮށްފައިވާ ކަމަށެވެ.

ޑރ. އަޒްވަރަކީ ހަކަތައިގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، އަދި އެ ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމުގައި ތަޖުރިބާކާރު ބޭފުޅެކެވެ. ސްޓެލްކޯގެ ޓްރޭނީއެއްގެ ގޮތުގައި 1997 ވަނަ އަހަރު މަސައްކަތް ފެށްޓެވި ޑރ. އަޒްވަރު، ކުންފުނީގެ އިދާރީ އަދި ފަންނީ އެކި ފަންތީގެ މަގާމުތައް ވަނީ ފުރުއްވާފަ އެވެ. އޭގެ ތެރޭގައި ސޭލްސް އެންޑް މާކެޓިން، ބިލިން ސާވިސަސް އަދި ބިޒްނަސް ޑިވެލޮޕްމަންޓް ފަދަ މުހިންމު ދާއިރާތައް އިސްކޮށް ހިންގުން ހިމެނެ އެވެ.

ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމާއި، އޭގެ ކުރިން އަދާކުރެއްވި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނަވައިގެން ވެސް އޭނާ ވަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހަކަތައިގެ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. ސްޓެލްކޯގެ ބޯޑު މެންބަރުކަމާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ނޮން-އެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެ އެވެ.

ތައުލީމީ ގޮތުން، ޑރ. އަޒްވަރު ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަނުން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ. އޭނާގެ ދިރާސާ ބިނާކުރެއްވީ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފެތުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޫރުން މާސްޓާ އިން ޕަބްލިކް ޕޮލިސީ އަދި ޔުނިވަރސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން އޮނަރސްއާއެކު ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވެ އެވެ.