މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މާލޭ ރާޅުގަނޑުގައި ކުރިއަށް ގެންދިޔަ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޖޫނިއާ ފިރިހެން ބައިގެ ޗެމްޕިއަންކަން ނޫހު މުހައްމަދު ދުނެއިމް އިރުޝާދު ހޯދައިފިއެވެ.
މި ޑިވިޝަނުގެ ފައިނަލުގައި ނޫހު ވާދަކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން އިޔަން އަހުމަދާއެވެ. ފޯރިގަދަ މި ފައިނަލުގައި ނޫހު ޗެމްޕިއަންކަން ހޯދީ 12.16 ޕޮއިންޓުގެ ސްކޯއަކުންނެވެ. އިޔަންއަށް ލިބުނީ 6.70 ޕޮއިންޓެވެ.
މި މުބާރާތުގެ ފައިނަލަށް ނޫހު ދަތުރުކުރީ ސެމީ ފައިނަލް ހީޓު އެކެއްގައި ދާއިން އަބްދުލް ފައްތާހު ބަލިކޮށްގެންނެވެ. އިޔަން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެވަނަ ހީޓުގައި އަހުމަދު ޖިވާއު ޖިހާދު ބަލިކޮށްގެންނެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޖޫނިއާ ފިރިހެން ބައިގެ އެއްވަނަ ހޯދީ އިޔަންއެވެ. މިދިޔަ އަހަރު ނޫހަށް ލިބުނީ މި ބައިގެ ތިންވަނައެވެ.
މިފަހަރުގެ މުބާރާތުގައި ހަތަރު ޑިވިޝަނެއް ހިމެނެއެވެ. އޭގެ ތެރޭގައި މެންސް އޯޕަން ޑިވިޝަނާއި، ޖޫނިއާ މެންސް ޑިވިޝަނާއި، ޑްރޮޕްނީ ޑިވިޝަން އަދި މުޅިން އަލަށް ތައާރަފުކުރި ޖޫނިއާ ވިމެންސް ޑިވިޝަން ހިމެނެއެވެ. މި މުބާރާތުގައި ޖުމްލަ 48 އެތުލީޓުން ވާދަކޮށްފައިވެއެވެ.
