ކ. ކާށިދޫ ކައިރިން ކަނޑުމަތިން މިއަދު ނަގޫރޯޅިއެއް ފެނިއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ނަގޫރޯޅި އުފެދިފައިވަނީ އެ ރަށާ ކައިރިން ކަނޑުމަތީގައެވެ. ނަމަވެސް، މި ނަގޫރޯޅީގެ ސަބަބުން ކާށިދުއަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން، ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ބައެއް ޓަވަރުތަކަށް ވަނީ ހޮނު ވެސް އަޅާފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ވެސް ނެރެފައެވެ. މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އަށް، ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ނެރެފައިވާ މި އެލާޓުގައި، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
