ބާސެލޯނާ އާއި ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު އަންދްރެއަސް އިނިއެސްޓާ، ގައުމީ ޓީމުގައި ބޭނުންކުރި ޖާޒީއެއް އެ ގައުމުގެ ޝޮޕިން ސެންޓަރަކުން ވަގަށްނަގާފައިވަނިކޮށް ފުލުހުން ހޯދައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ވަގަށްނެގި މި ޖާޒީގެ އަގު ގާތްގަނޑަކަށް 1000 ޔޫރޯ އަށް އަރާނެކަމަށްވެއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 58 އަހަރުގެ ފިރިހެނެކެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޝޮޕިން ސެންޓަރުގެ ސެކިއުރިޓީ އޮފިސަރުން ދިން މައުލޫމާތުތަކަށްފަހު ވައްކަމުގައި ބައިވެރިވި މީހުން ފިލަން ބޭނުންކުރި ވެހިކަލްގެ ރެޖިސްޓްރޭޝަން ނަންބަރުގެ އެހީގައެވެ.

މީގެއިތުރުން، މި ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދުއްވަމުންދިޔަ ވެހިކަލް ޓްރެކް ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އެ ގައުމުގެ ކެންޓާބްރިއާގެ މުނިސިޕަލިޓީއެއް ކަމަށްވާ ރެއިނޯސާ އިންނެވެ. އަދި މި ވައްކަމުގައި ބައިވެރިވިކަމަށް ބެލެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ސްޕެއިނުގެ ފުލުހުން ވަނީ މައުލޫމާތުދީފައެވެ.