މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރު އަދި އިންފްލުއެންސަރު އަފްޒާ ހަސަންގެ ބުޅާ، "ޑިއޯ" ނ. ވެލިދޫން ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ބުޅާ ސަލާމަތުން މަގުމަތީގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާއަށް ލިބިއްޖެއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އަފްޒާ މިއަދު ހިއްސާކުރި އިތުރު އަޕްޑޭޓެއްގައި ބުނެފައިވަނީ، ރޭ 8:15 ހާއިރު ވެލިދޫ މަގުމަތިން ޑިއޯ ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް އޭނާއަށް ލިބިފައިވާ ކަމަށެވެ. އެ ވީޑިއޯއިން ބުޅާގެ ސިއްހަތު ރަނގަޅުކަމަށް ފެންނަ ކަމަށާއި، ނަމަވެސް މުޅި އުމުރުގައިވެސް ބޭރަށް ނުނިކުމެ އުޅެފައިވުމުން، ބުޅާ ހުރީ ވަރަށް ބޮޑަށް ބިރުގަނެފައި ކަމަށް އޭނާ ބުންޏެވެ. އަދި މީހުން ފެނުމުން ބިރުން ފިލަން ދުވާކަންވެސް އޭނާ ފާހަގަކުރިއެވެ.

އެޑޮޕްޓްކުރި އާއިލާގެ ޚަބަރެއް ވެއްޖެ

ޑިއޯ ގެއްލުނީ، އޭނާ ބަލަހައްޓަން ހަވާލުކުރި ދެމަފިރިއަކު އެ ބުޅާ ގެއިން ބޭރަށް ދޫކޮށްލުމުންނެވެ. ފުރަތަމަ އެ މީހުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނު ނަމަވެސް، އަފްޒާ ބުނީ މިހާރު އެމީހުން ގުޅައި، އެންމެ ފަހުން ބުޅާ ފެނުނު ސަރަހައްދު ކިޔައިދީފައިވާ ކަމަށެވެ.

"މި ވަގުތު އަހަރެން އެއްވެސް ބަޔަކު ގޯސްކުރާކަށް ބޭނުމެއް ނޫން. ބޭނުންވަނީ ޑިއޯ އަނބުރާ ގެނެސް ރައްކާތެރި، ލޯބިދޭނެ ގެއަކަށް ފޮނުވަން،" އަފްޒާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ކުރިއަށް އޮތް ފިޔަވަޅު

ވެލިދޫގައި ދިރިއުޅޭ މީހުންނާއި، އެ ރަށުގައި ތިބި ރައްޓެހިންނާއި އާއިލާ މީހުން މެދުވެރިކޮށް ގިނަ ބަޔަކު އޭނާއަށް ގުޅައި އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެކަމަށް އަފްޒާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ބުޅާ އަތުލުމަށްޓަކައި އޭނާ މިހާރު ދަނީ ރަށުގެ މީހުންނާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޑިއޯއަށް އެންމެ މީރު ކާނާ (ޓްރީޓްސް) ބޭނުންކޮށްގެން އޭނާގެ އިތުބާރު ހޯދައި، ސަލާމަތްތެރިކަމާއެކު އަތުލައިގެން ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ޑިއޯ އަކީ 4 އަހަރުގެ އޮރެންޖް ކުލައިގެ (ޖިންޖަރ) ވަރަށް މަޑުމައިތިރި ފިރިހެން ބުޅަލެކެވެ.