މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ "ބިންވެރިޔާ" ހާއްސަ ސްކީމްގެ އުސޫލަށް ބޮޑު އިސްލާހެއް ގެނެސް، ތިންވަނަ ކެޓަގަރީއެއް މިއަދު އިތުރުކޮށްފިއެވެ. ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި އިސްލާހު މިހާރު ގެޒެޓުކޮށްފައިވާ ކަމަށާއި، މި ބަދަލާއެކު ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.
އަލަށް އިތުރުކުރި ތިންވަނަ ކެޓަގަރީގެ ދަށުން ފުރުސަތު ހުޅުވާލާފައިވަނީ ކުރީގެ ބިންވެރިޔާ ސްކީމުން ސިންގަލް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު މީހުންގެ ތެރެއިން އެ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވާން ބޭނުންވާ މީހުންނަށެވެ. މީގެ އިތުރުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު މީހުންގެ ތެރެއިން ގޯތި ދޫކޮށްލާފައި ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދެން ބޭނުންވާ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ފޯމު ހުށަހެޅޭނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
މި އާ ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 އިން ފެށިގެން އެ މަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް އޮފީހުން ބުންޏެވެ. ސަރުކާރުން މިހާރު ވަނީ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ދޫކުރާ 7،900 ފްލެޓާއި 15،000 ގޯއްޗަށް އެދުމުގެ ސުންގަޑިވެސް އަންނަ މަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ބުރުގައި 15،000 ގޯތި ދޫކުރާނެ ކަމަށެވެ.
