މަކާއުގެ މަގުމަތީގައި ހިނގާފައި ދިޔަ އުމުރުން 70 އަހަރުގެ އަންހެނަކަށް، އިންސާނަކާ ވައްތަރުގެ ރޮބޮޓެއް ފެނިގެން ބިރުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފިއެވެ. "ޔުނިޓްރީ ޖީ1" މޮޑެލްގެ މި ރޮބޮޓު ފެނިގެން އަންހެންމީހާ ބިރުގަތީ، އޭނާ ފޯނަށް ބަލަމުން ހިނގާފައި ދަނިކޮށް އެ ރޮބޮޓު އޭނާގެ ފަހަތުން އަންނަކަން ފާހަގަވުމުންނެވެ. އަންހެންމީހާ ހުއްޓުމުން ރޮބޮޓުވެސް ހުއްޓުމާއި، އަދި ރޮބޮޓު އަތް ހަލުވާލުމުން އޭނާ ވަރަށް ބޮޑަށް ބިރުގަނެ ހިތުގެ ތެޅުން އަވަސްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ރޮބޮޓު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނީ ރޮބޮޓު އަންހެން މީހާއަށް ބިރު ދައްކާފައިވާކަމަށެވެ.  އަންހެންމީހާ ބިރުގަތް ވަރުން ހޮސްޕިޓަލަށް ގެންގޮސް ޗެކަޕް ހެދުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މިއީ ރޮބޮޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.

މި ރޮބޮޓަކީ އެ ސަރަހައްދުގެ ޓިއުޝަން ސެންޓަރަކުން އިޝްތިހާރު ކުރުމުގެ ބޭނުމަށް ޓެސްޓު ކުރަމުންދިޔަ އެއްޗެކެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، އާންމު ތަންތަނުގައި މިފަދަ ރޮބޮޓުތައް ބޭނުންކުރުމުގައި ހުންނަންޖެހޭ ސަލާމަތީ އުސޫލުތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. މި ހާދިސާ ހިނގި ވަގުތު އަންހެންމީހާ ވަނީ ކެންޓަނީޒް ބަހުން ރޮބޮޓާ ދިމާލަށް ހަޅޭއްލަވައި، އޭނާގެ ހިތް ހުއްޓިދާނެ ކަމަށް ބުނެ ބިރުން އުޅެފައެވެ.