ޓެކްނޮލޮޖީ ރިޕޯޓަރު ލިވް މެކްމަހަން ހާމަކޮށްފައިވާ ގޮތުގައި، އޭއައި ސިސްޓަމްތައް އިންސާނުންނާ ވައްތަރުވެފައި، ވާހަކަދެއްކުމުގައި ބަހައްޓާ ރީތި އަދަބުތަކުގެ ސަބަބުން، އެ ތަކެތިންދޭ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަމަށް ބަލައި ގިނަ ފަހަރަށް އެ ބޭނުންކުތާ ފަރާތްތަކަށް އޮޅުން އަރައެވެ. މިފަދަ ޗެޓްބޮޓްތައް ފަރުމާކޮށްފައި ހުންނަނީ ބޭނުން ކުރާ ފަރާތްތަކާއި ގުޅުން ބަދަހިކޮށް، ހިތްހަމަޖައްސައިދޭ ފަދަ ގޮތަކަށް ކަމަށްވުމުން، އޭގެ ފަހަތުގައި ހުންނަ ފަންނީ އުނިކަންތައްތައް ފޮރުވިގެންދާ ކަމަށް މާހިރުން އިންޒާރުދެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ޗެޓްބޮޓަކީ ވަރަށް އޯގާތެރި އަދި އެކުވެރި އެއްޗެއްގެ ގޮތުގައި އިހުސާސް ކުރެވޭނަމަ، އޭގެ ސައްހަކަން ޔަގީންކުރުމަށް އެ ބޭނުންކުރާ ފަރާތްތަކުން ބަހައްޓާ ސަމާލުކަން ކުޑަވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިފަދަ ސިސްޓަމްތައް ތަމްރީނު ކުރުމުގައި، ހަގީގީ މައުލޫމާތަށް ވުރެ ބޮޑަށް ބޭނުން ކުރާ ފަރާތަށް "ކަމުދާނެ" ފަދަ ޖަވާބުތަކަށް އިސްކަންދެވޭތީއެވެ. މިއީ ސިއްހީ އަދި އިގްތިޞާދީ މުހިންމު ދާއިރާތަކުން މައުލޫމާތު ހޯދާ ފަރާތްތަކަށް އޮތް ބޮޑު ނުރައްކަލެކެވެ.
މިކަމާ ގުޅިގެން ޑިޖިޓަލް މާހިރުން ލަފާދެނީ، އޭއައި ޗެޓްބޮޓްތަކަކީ އެކުވެރިންގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ހަމައެކަނި މައުލޫމާތު ހޯދާ އާލަތެއްގެ ގޮތުގައި ބެލުމަށެވެ. އަދި ކިތަންމެ ރީތިކޮށް ޖަވާބު ދިން ކަމުގައި ވިޔަސް، އޭގެ ސައްހަކަން އަބަދުވެސް ކަށަވަރު ކުރަން ޖެހޭނެ ކަމަށް މާހިރުން ބުނެއެވެ.
