އިންޑިއާގެ ބިހާރު ސްޓޭޓުގައި މަސައްކަތްކުރާ "އަންގަންވާޑީ" (ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގެ) މުވައްޒަފަކު، އޭނާ ބަލިވެ އުޅޭކަން ސާބިތުކޮށްދިނުމަށްޓަކައި އަތަށް އައިވީ ގުޅައިގެން ހުރެ އޮފީހަށް ނުކުތް ހާދިސާއެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބިހާރުގެ މުޒައްފަރުޕޫރު ސަރަހައްދުގައެވެ. ރިޕޯޓުތައް ބުނާގޮތުން، އެ މުވައްޒަފު ބަލިވެގެން ސަލާމް ބުނުމުން، އޭނާގެ މަތީ ފަރާތްތަކުން ވަނީ އޭނާ ބަލިވެ އުޅޭކަން ސާބިތުކޮށްދިނުމަށް އަންގާފައެވެ. އަދި ވަޒީފާއަށް ނުކުމެ ހާޒިރީގައި ސޮއިނުކޮށްފިނަމަ، ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން އެ މުވައްޒަފު ވަނީ އަތަށް ކެނިއުލާ ގުޅާ އެއަށް އައިވީ ފުޅިއެއް ގުޅައި، އެ ހިފައިގެން މަރުކަޒަށް ހާޒިރުވެފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ އަންހެން މީހާ މަރުކަޒުގެ ތެރޭއަށް ވަދެގެން ދިޔައިރު، އޭނާގެ ފިރިމީހާ ހުރީ އައިވީ ފުޅި ހިފައިގެންނެވެ.
މި ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އެ މަރުކަޒުގެ އިސްވެރިންނަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ އިންސާނިއްޔަތުކަމެއް ނެތް، ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. މީގެ އިތުރުން، ބަލި މީހަކަށް މިފަދަ މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ބެލުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.
