ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޓުވިޓާގައި އެންމެ ބޮޑަށް ދިމާކުރުންތައް އަމާޒުވެފައިވަނީ އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޮން ޖޭމްސް އަށް ކަމަށް ޕިކްސްވައިޒް އިން ހާމަކޮށްފިއެވެ.
އެންބީއޭގެ ގަދަބާރު ލޮސް އެންޖެލަސް ލޭކާސް އަށް ކުޅެމުން އަންނަ ޖޭމްސް އަކީ ދުނިޔޭގެ ގިނަބައެއްގެ މެދުގައި މަގްބޫލް އެތުލީޓަކަށްވެފައިވީނަމަވެސް، އެންބީއޭ ޕްލޭއޮފްސްގައި އެ ޓީމަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު ވެސް އޭނާ އަށް ގިނަބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އަދި ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި ވެސް އެކި ގޮތްގޮތުން އޭނާ އަށް ދިމާކުރުންތައް ދަނީ އިތުރުވަމުންނެވެ.
ދާދިފަހުން ޕިކްސްވައިޒް އިން ހާމަކޮށްފައިވާ މި ޑޭޓާތަކުން ދައްކާގޮތުން ޓުވިޓާގައި 49.8 މިލިއަން ފޮލޯވާސް ތިބި ޖޭމްސް އަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ބޭއަދަބީ ބަހުން މުހާތަބްކޮށް ދިމާކުރުމުގެ ގޮތުން ގާތްގަނޑަކަށް 122,568 އެއްހާ މެސެޖް ލިބިފައިވާ ކަމަށެވެ. މިއީ އެވްރެޖްކޮށް ކޮންމެ ދުވަހަކަށް 336 މެސެޖެވެ.
މި ލިސްޓުގެ ދެވަނައިގައި އޮތީ އިންގްލެންޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑެވެ. އޭނާ އަށް އަމާޒުކޮށް 32،328 މެސެޖް ފޮނުވާފައިވާއިރު، މުޅި ދުނިޔޭން ވެސް ނަސްލީގޮތުން އެންމެ ބޮޑަށް ދިމާކުރާ އެއް ފުޓްބޯޅަ ކުޅުންތެރިއަކީ ވެސް ރަޝްފޯޑެވެ.
ޕިކްސްވައިޒް އިން ނެރުނު މި ލިސްޓްގައިވާ ކުޅިވަރު ތަރިންގެ ތެރެއިން ގަދަ 20 ގައި ދެން ހިމެނޭ ކުޅުންތެރިންގެ ތެރޭގައި، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖަރުމަން އަދި އާސެނަލްގެ ކުރީގެ މިޑްފީލްޑަރު މެސުޓް އޮޒިލް ވެއެވެ.
މިހާރު އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯ އަށް ގާތްގަނޑަކަށް 11،757 އެއްހާ މެސެޖް ފޮނުވާފައިވާއިރު، އޮޒިލް އަށް ވެސް 11،192 މެސެޖް ފޮނުވާފައިވެއެވެ. ފްރާންސްގެ ފުޓްބޯޅަ ތަރި ޕައުލް ޕޮގްބާ އަށް 7،349 މެސެޖު ފޮނުވާފައިވާއިރު، އޭނާ ހިމެނުނީ މި ލިސްޓުގެ 20 ވަނައިގައެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ދުވަހެއް ދުވަހަކަށް ކުޅިވަރު ކުޅުންތެރިންނާއި އެހެން ފަރާތްތަކަށް ވެސް ނަސްލީގޮތުން ދިމާކުރުން އޮންލައިން ޕްލެޓްފޯމްތަކުގައި އިތުރުވަމުން އަންނައިރު، މިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ނިމިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގާއި، އިނގިރޭސި އަންހެން ލީގުގެ ކްލަބުތައް ހިމެނޭގޮތަށް ތިން ދުވަހަށް ވަނީ ސޯޝަލް މީޑިއާ ހުރިހާ ޕްލެޓްފޯމެއް ބޮއިކޮޓްކޮށްފައެވެ.
