އިންޑިއާގެ ހައިދަރުއާބާދުގައި ސިއްހަތަށް ނުރައްކާވާ ފަދަ މާއްދާތައް ބޭނުންކޮށްގެން ފޭކު ޖިންޖަރ - ގާލިކް ޕޭސްޓު އުފައްދާ ބޮޑު ކާރުޚާނާއެއް ކަމާބެހޭ ފަރާތްތަކުން ހިންގި ރޭޑެއްގައި އަތުލައިގަނެފިއެވެ.

ހައިދަރުއާބާދުގެ ކޮމިޝަނާސް ޓާސްކް ފޯސް (ޚައިރަތުއާބާދު ޒޯން) އާއި އެޗް-ފާސްޓް ޓީމު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވަނީ އެ ސިޓީގެ ކައްޓެދަން ސަރަހައްދުގައި ހިންގަމުންދިޔަ "އެސް.ކޭ.އާރު ފުޑް ޕްރޮޑަކްޓްސް" ކިޔާ ޔުނިޓެކެވެ. މި ތަނަކީ އެއްވެސް ކަހަލަ ސާފުތާހިރުކަމެއް ނެތި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގަމުންދިޔަ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

މި ތަނުން އުފައްދާ ޕޭސްޓުގައި ފެންވަރު ދަށް ރޯ މުދަލުގެ އިތުރުން، އެސިޓިކް އެސިޑް އަދި ޒެންތަން ގަމް ފަދަ ކެމިކަލްތައް ބޭނުންކުރަމުންދިޔަކަން ވަނީ ހާމަވެފައެވެ. މި ތަކެއްޗަކީ އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރެސްޓޯރެންޓްތަކަށާއި ފިހާރަތަކަށް ސަޕްލައި ކުރަމުންދިޔަ ތަކެތި ކަމުން، މިއީ އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ކަމާބެހޭ އިދާރާތަކުން ހިންގި މި ރޭޑުގައި 4،032 ކިލޯގެ ފޭކު ޕޭސްޓާއި، 6،210 ކިލޯގެ ފެންވަރު ދަށް ރޯ މުދާ ވަނީ ހިފަހައްޓާފައެވެ. އަތުލައިގަނެވުނު ތަކެތީގެ ޖުމްލަ އަގު ގާތްގަނޑަކަށް 2.2 މިލިއަން ރުޕީސް (22 ލައްކަ) އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި މައްސަލައާ ގުޅިގެން އެ ތަނުގެ ވެރިޔާ، އުމުރުން 55 އަހަރުގެ ހަސަން އަލީ ރުޕާނީ ވަނީ ފޭކު އިނގުރު ލޮނުމެދު ޕޭސްޓު އުފެއްދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހާ އާއި ހިފެހެއްޓި ތަކެތި މިހާރު ވަނީ އިތުރު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި މައިލަރްދޭވްޕައްލީ ޕޮލިހާ ހަވާލުކޮށްފައެވެ.