ނުރައްކާތެރި އަމީބާ ދުނިޔޭގައި ފެތުރެމުންދާތީ ސައިންސްވެރިން ދެމުންދާ އިންޒާރުތަކަކީ މިއަދު ދުނިޔޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ކަންބޮޑުވުމެކެވެ. ޝެންޔަންގް އެގްރިކަލްޗަރަލް ޔުނިވަރސިޓީގެ ދިރާސާތަކުން ދައްކާ ގޮތުގައި، މި "ފްރީ-ލިވިންގް" އަމީބާތަކަކީ މިހާރު ދުނިޔޭގެ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މިއީ އިންސާނުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ދީ، ފުރާނައަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

އަމީބާއަކީ ހަމައެކަނި މައިކްރޯސްކޯޕުން ފެންނަ ވަރުގެ ކުދިކުދި، އެންމެ ސެލްއެއްގެ މައްޗަށް އެކުލެވިގެންވާ ދިރުންތަކެކެވެ. މިއީ އާންމުކޮށް ކޯރުތަކާއި، ފެންގަނޑުތަކާއި، ފަސްގަނޑުގެ ތެރޭގައި ދިރިއުޅޭ އެއްޗެކެވެ. އަމީބާގެ ހަށިގަނޑުގެ ބައްޓަން ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާއިރު، މީގެ ބައެއް ބާވަތްތަކަކީ އިންސާނާގެ ހަށިގަނޑަށް ވަދެ، ސިކުނޑިއަށް ނުވަތަ އެހެނިހެން ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލުކަން ލިބިފައިވާ ނުރައްކާތެރި ޖަރާސީމުތަކެކެވެ.

މި ނުރައްކާތެރި އަމީބާތައް ފެތުރުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުނިޔެ ހޫނުވުމާއި ބޭނުންކުރަމުންދާ ފެނުގެ ނިޒާމުތައް ބާވުން ހިމެނެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު ހޫނުމިން މަތިވުމުގެ ސަބަބުން، މިފަދަ ދިރުންތައް އާލާވުމަށް ފަހި މާހައުލެއް ލިބިގެންދެއެވެ. އަދި ޒަމާނާ ނުބައްދަލު ފެނުގެ ނިޒާމުތަކުގެ ސަބަބުން، މި އަމީބާތައް ފަސޭހަކަމާއެކު އިންސާނުންނާ ހަމައަށް ފޯރުމުގެ މަގު ފަހިވެ، ބަލިތައް ފެތުރުމުގެ ފުރުސަތު އިތުރުވެއެވެ.

އާންމުކޮށް ފެންނަ ބައެއް އަމީބާތަކަކީ ގެއްލުމެއް ނެތް އެއްޗެއް ކަމުގައި ވިޔަސް، އޭގެ ތެރެއިން ބައެއް ބާވަތްތަކަކީ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ޖައްސާ އެއްޗެހީގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. މީގެ އިތުރުން، މި އަމީބާތަކަކީ އެހެނިހެން ނުރައްކާތެރި ޖަރާސީމުތަކަށް ރައްކާތެރިކަންދޭ "ހޯސްޓް" އެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އެއްޗެކެވެ. މި އަމީބާތައް ގަދަ ހޫނަށާއި ފެން ސާފުކުރާ ކެމިކަލްތަކަށް ނުގުޑުމަކީ، ފެން ސާފުކުރާ ނިޒާމުތަކުން މީތި ނައްތާލުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

އެހެންކަމުން، މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ސައިންސްވެރިން ބުނެއެވެ. މީގެ ތެރޭގައި ފެނުގެ ނިޒާމުތައް ޒަމާނީކޮށް، ގަވާއިދުން ފެން ތަހުލީލުކޮށް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ. ދުނިޔޭގެ ސިއްހަތަށް އޮތް މި ބޮޑު ގޮންޖެހުމުން އަރައިގަނެވޭނީ، ސިއްހީ ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށް، ސާފު ފެން ފޯރުކޮށްދިނުމުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.