ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ހޮސްޕިޓަލުތަކަށް 500 ފޭސް ޝީލްޑް ހަދިޔާކޮށްފިއެވެ.

އެ ބޭންކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ތަކެތި ހަވާލުކުރީ ކޮވިޑް-19 ގެ މި ހާލަތުގައި ސިއްހީ ޚިދުމަތްތެރިންނާއި ފްރަންޓްލައިނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތަށް އެހީވުމުގެ ގޮތުން ކަމަށެވެ.

ރާއްޖޭގެ 10 ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާކޮށްފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ފޭސް ޝީލްޑު ފޯރުކޮށްދިން ހޮސްޕިޓަލްތަކަކީ އައިޖީއެމްއެޗް، ހއ. އަތޮޅު ހޮސްޕިޓަލް (ދިއްދޫ)، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ)، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ވ. އަތޮޅު ހޮސްޕިޓަލް (ފެލިދޫ)، ފ. އަތޮޅު ހޮސްޕިޓަލް (ނިލަންދޫ)، ތ. އަތޮޅު ހޮސްޕިޓަލް (ވޭމަންޑޫ)، ގަން ރީޖަނަލް ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލް (ވިލިނގިލި) އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް ބީއެމްއެލް އިން އަންނަނީ އަޅަމުންނެވެ.

އެގޮތުން ބައެއް ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭގޮތަށް ހަދާފައުވާ އިރު، އެޕޮއިންޓްމަންޓް އުސޫލުން ޚިދުމަތް ދިނުމާއި، ޝޯޓް ޓަރމް ފައިނޭންސިންގ ތައާރަފް ކުރުމާއި، ޕަރސަނަލް، ހައުސިންގ އަދި ބިޒްނަސް ލޯނުތައް ފަސްކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެބޭންކު މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ މުއްދަތުވެސް ވަނި ފަސްކޮށްދީފައެވެ. އަދި ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ލޯނު ދޫކުރަމުންނެވެ.